ޖަޕާނުގައި ބިނާކުރާ އެންމެ އުސް އިމާރާތުގެ މަސައްކަތް ފަށައިފިއެވެ. ޓޮރަނޮމޮން-އަޒަބުޑާއީގެ ނަން ދީފައިވާ މަޝްރޫއުގެ ދަށުން ބިނާ ކުރުމަށް ހަމަޖެހިފައިވާ އިމާރާތް ހުންނާނީ ވެރިރަށް ޓޯކިޔޯގެ މެދުތެރޭގައެވެ. މި އިމާރާތް ސިފަކުރަމުން މި މަޝްރޫއު ހިންގާ ފަރާތްތަކުން ބުނަނީ މި އިމާރާތް ވެގެންދާނީ "ސިޓީއެއްގެ ތެރޭގައިވާ ސިޓީއަކަށް" ކަމަށެވެ.

މި އިމާރާތުގައި ތިން ޓަވަރު ހުންނާނެއެވެ. މީގެތެރެއިންވެސް އެންމެ އުސް ޓަވަރުގެ އުސް މިނުގައި 330 މީޓަރު ހުންނާނެއެވެ. އެއީ، މިހާރު ޖަޕާނުގައި ހުރި އެންމެ އުސް އިމާރާތް ކަމަށްވާ އޮސާކާގައި ހުންނަ އަބޭނޯ ހަރޫކާސް ޓަވަރަށްވުރެވެސް އުހެވެ؛ އަބޭނޯ ހަރޫކާސްގެ އުސް މިނަކީ 300 މީޓަރެވެ. ޝާއިޢުކޮށްފައިވާ މި އިމާރާތުގެ ފަރުމާގެ ކުރެހުންތަކަށް ބަލައިލާއިރު އެންމެ އިސް އިމާރާތުގެ އެންމެ މަތި ރަމްޒުކޮށްދެނީ މަލެއްގެ ފިޔަތަކެކެވެ.

އަށް ހެކްޓަރުގެ ސަރަހައްދެއްގައި ބިނާކުރާ މި މަޝްރޫއުގައި ހިމެނޭ އަނެއް ދެއިމާރާތް ތަންކޮޅެއް ކުރުވާނެއެވެ. ނަމަވެސް، މި މަޝްރޫއުގެ މަޤްސަދަކީ، 2023 ވަނަ އަހަރުގެ ކުރީން އެ ސަރަހައްދުގެ މަލަމަތި މުޅީން ބަދަލުކޮށްލުމެވެ. މިމަޝްރޫއު ހިންގާ މޯރީ ބިލްޑިންގް ކޯ. އިން ބުނާ ގޮތުގައި، މި އިމާރާތްތަކުގައި އޮފީސްތަކާއި ދިރިއުޅޭގެ އެޕާޓްމަންޓްތަކެއް ހުންނާނެއެވެ.

މި ތަނުގައި 20،000 މީހުންނަށް މަސައްކަތް ކުރެވޭނެ އޮފީސްތަކެއް ހުންނަ އިރު، އެޕާޓްމަންޓްތަކުގައި 3،500 އަށްވުރެ ގިނަ ރައްޔިތުންނަށް ދިރިއުޅެވޭނެއެވެ. މީގެއިތުރުން މިތަނުގައި ޖިމްއަކާއި، އިންޓަނޭޝަނަލް ސްކޫލަކާއި، ފިހާރަތަކާއި، ދާރުލްއާސާރަކާއި 2.4 ހެކްޓަރުގެ ބަގީޗާއެއް ހިމެނޭނެއެވެ.

މި މަޝްރޫއު ފަރުމާކޮށްފައިވަނީ މަޝްހޫރު ޑިޒައިން ކުންފުންޏެއް ކަމަށްވާ ޕެލީ ކްލާކް ޕެލީ އާކިޓެކްސްޓް އިންނެވެ.

މިއީ މިހާތަނަށް ޖަޕާނުގައި ބިނާކުރާ އެންމެ އުސް އިމާރާތްކަމުގައި ވީނަމަވެސް، މި ތަނަކީ، ދުނިޔޭގެ އެހެން ހިސާބުތަކުގައި ބިނާކޮށްފައިވާ އުސް އިމާރާތްތަކަށްވުރެ ކުރު ބިނާއެކެވެ. އެގޮތުން ބަލާއިރު، ޓައިވާނުގައި ހުންނަ ވަން-އޯ-ވަން އިމާރާތުގެ އުސްމިނަކީ 508 މީޓަރެވެ. އެމެރިކާގެ ނިއުޔޯކްގައިވާ ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ އުސްމިނަކީ 541 މީޓަރެވެ. އަދި، ދުނިޔޭގައިވާ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ޚަލީފާގެ އުސްމިނުގައި 828 މީޓަރު ހުރެއެވެ.