މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދަކީ މިވަގުތު ދުނިޔޭގެ ގައުމެއްގައި ވެރިކަންކުރައްވާ، އުމުރުފުޅުން އެންމެ ދުވަސްވީ ވެރިޔާއެވެ. މަހާތީރުގެ އުމުރުފުޅަކީ 94 އަހަރެވެ.

ނަމަވެސް، މަހާތީރު މުހަންމަދު ގެންދަވަނީ، އުމުރުފުޅުގެ ދޮށިކަމާ އެކުވެސް އެމަނިކުފާނު އަދިވެސް ހުންނެވީ ދުޅަހެޔޮ ސިއްހަތެއްގައިކަން ސާބިތުކޮށް ދެއްވަމުންނެވެ. ހަށިކޮޅުގައި ވަރު އެބަހުރިކަން ހާމަކޮށްދެއްވަމުންނެވެ.

ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދު މިދިޔަ ހޮނިހިރު ދުވަހުވެސްވަނީ، އެމަނިކުފާނު ހުންނެވީ ޖިސްމާނީގޮތުންވެސް ވަރުގަދަކޮށް ކަން ސާބިތުވާ ކަމެއް ކުރައްވާފައެވެ.

މެލޭޝިޔާގެ ދެ އަވަށް ކަމުގައިވާ ޕުތުރަޖާޔާ އަދި ސައިބަރުޖާޔާ ވަށައިގެން މަހާތީރު ވަނީ، 11 ކިލޯމީޓަރު ސަރަހައްދެއްގައި ބައިސްކަލު ދުއްވާފައެވެ.

"ބައިސްކަލު ދުއްވާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެ. ﷲ އަށް ހަމްދުކުރަން. ގައިގައި އިތުރަށް ވަރުޖެހިއްޖެކަމުގެ އިހްސާސް ކުރެވޭ" ޓްވިޓަރގައި އާންމުވެފައިވާ ވީޑިއޯއެއްގައި މަހާތީރު ވިދާޅުވެއެވެ.

އުމުރުފުޅުގެ ދޮށިކަމާއެކުވެސް ބޮޑުވަޒީރު މަހާތީރު މުހަންމަދު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަވާތީ މެލޭޝިޔާގެ ވަރަށް ގިނަ ރައްޔިތުން މަހާތީރަށް ތައުރީފް ކުރަމުން ގެންދެއެވެ.

މަހާތީރު ބައިސްކަލްކޮޅު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ، އެމް ހީވަނީ ޒުވާނެއްހެން ކަމަށެވެ.

"އެމް" ނުވަތަ "ޑރ. އެމް" އަކީ މެލޭޝިޔާގެ ރައްޔިތުން ބޮޑުވަޒީރު މަހާތީރަށް މުޚާތަބުކުރާ ނަމެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުކަން 22 އަހަރު ކުރެއްވުމަށްފަހު، ސިޔާސީ މައިދާނުން އެއްފަރާތުގައި 15 އަހަރު ހުންނެވުމަށްފަހު މެލޭޝިޔާގައި މިދިޔަ އަހަރު ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ޑރ. މަހާތީރު މުހަންމަދު އަލުން ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައި ގެންފައިވަނީ މިދިޔަ 2018 ވަނަ އަހަރުގެ މެއިމަހުގެ 10 ވަނަ ދުވަހުއެވެ.

މަގާމާ ހަވާލުވެވަޑައިގެން މަހާތީރު ގެންދަވަނީ މެލޭޝިޔާގައާއި، ދުނިޔޭގައިވެސް ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރައްވަމުންނެވެ. އުމުރުފުޅުގެ ދޮށިކަމާ އެކުވެސް ރަސްމީ ވާޖިބުތަކުން އެއްވެސް ކަމެއް އުނިނުކުރައްވައެވެ.