ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްްޕްލެކްސްގެ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފްގެ އެފްބީ ޕޭޖްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ. ސްވިމިން ޕޫލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް މިރޭ ފަށާފައިވާ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން ނުނިމިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވިމިން ޕޫލް ކޮމްްޕްލެކްސް އަޅާ ސަރަހައްދަކީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިމެވެ.

ސްވިމިން ޕޫލް ކޮމްޕްލެކްސް އެޅުމަށް ހަވާލުކޮށްފައިވަނީ ކޮންބަޔަކާކަން އަދި ކުޅިވަރާބެހޭ މިނިސްޓްރީން ހާމަކޮށްފައި ނުވާއިރު، މިކަމަށް ހޭދަވާ ފައިސާގެ ޖުމްލަ އަދަދުވެސް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހުސްވި ޖުލައިމަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ސްވިމިން އެސޯސިއޭޝަނާ ބައްދަލުކޮށް، ޕޫލުގެ ކުރެހުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަންޑު ހޯދައި، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވައިފައެވެ.