އިޓަލީގެ އިންޓަރމިލާނަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް މައުރީ އިކާޑީ ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 26 އަހަރުގެ ފޯވާޑް ޕީއެސްޖީއާއި ގުޅިފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. އަދި އޭނާގެ ކުޅުން ރަނގަޅުނަމަ އެއްބަސްވުން އާކުރުމުގެ ފުރުސަތު ޕީއެސްޖީއަށް އެބައޮތެވެ. އެގޮތުން ލޯނުގެ މުއްދަތު ހަމަވުމުން ގާތްގަނޑަކަށް 59 މިލިއަން ޕައުންޑަށް އޭނާ ގަތުމުގެ ފުރުސަތު ޕީއެސްޖީ އަށް އެބައޮތެވެ.

އިޓަލީގެ ސަމްޕްޑޯރިއާ ދޫކޮށް އިކާޑީ އިންޓަރމިލާނަށް ސޮއިކޮށްފައިވަނީ 2013 ގައެވެ. އެ ކުލަބުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އޭނާގެ އުފަން ގައުމު ކަމަށްވާ އާޖެންޓީނާއިން ވަނީ ފަހަކަށް އައިސް އޭނާ ޓީމަށް ނެގުމަށް ދެކޮޅުހަދާފައެވެ. އެއީ އާއިލީ މައްސަލަތަކާއި އާޖެންޓީނާ ފެޑެރޭޝަނާއި ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަަަބަބުންނެވެ.

ޕީއެސްޖީ އަށް ބަދަލުވުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން އިކާޑީ ބުނީ ޕީއެސްޖީ ފަދަ ބޮޑު ކުލަބަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އެ ކުލަބުގައި ރަނގަޅު ކުޅުމެއް ކުޅުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ޕީއެސްޖީއަކީ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށާއި ހުރިހާ މުބާރާތެއްގައި ވެސް ވީހާވެސް ދުރަކަށް އެ ކްލަބު ގެންގޮސްދިނުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް އިކާޑީ ބުންޏެވެ.

އިކާޑީ ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ އިންޓަމިލާނާއެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އިންޓަމިލާނަށް ކުޅުނު 219 މެޗުގައި 214 ލަނޑު ކާމިޔާބުކޮށްފައެވެ.

އިކާޑީއާއެކު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ގޯލްކީޕަރު ނަވާސް ވެސް ވަނީ ޕީއެސްޖީއަށް ސޮއިކޮށްފައެވެ.