އާސެނަލަށް ކުޅެމުން އަންނަ އަރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިޓަރިޔަން ލޯނު އެއްބަސްވުމެއްގެ ދަށުން އޭއެސް ރޯމާއަށް ބަދަލުވެއްޖެއެވެ.

2018 ވަނަ އަހަރު އާސެނަލަށް ބަދަލުވި މިކިޓަރިޔަން ލޯނު އުސޫލުން ރޯމާއަށް ބަދަލުވިއިރު، އެ އެއްބަސްވުމުގައި ރޯމާއިން ބޭނުން ވެއްޖެނަމަ، މިކިޓަރިޔަން ގަތުމަށް އެއްވެސް ޝަރުތެއް ހިމަނާފައެއް ނުވެއެވެ.

އާސެނަލަށް ބަދަލުވުމަށްފަހު މިކިޓަރިޔަންއަށް އެންމެ އެދެވޭ ކުޅުމެއް އެޓީމުގައި ދެއްކިފައިނުވާއިރު، އެޓީމަށް ކުޅެދިން 59 މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ 9 ގޯލެވެ. މިދިޔަ ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މިކިޓަރިޔަން ކުޅެފައިވަނީ މަދު މެޗެކެވެ.

އުމުރުން 30 އަހަރުގެ މިކިޓަރިޔަން އާސެނަލަށް ބަދަލުވުމުގެ ކުރިން ކުޅެފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެޓީމާ 2016 ވަނަ އަހަރު 30 މިލިއަން ޕައުންޑުގެ އަގަކަށް ގުޅުނުއިރު، އޭނާ ވިދާލާފައިވަނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑުންނެވެ. އަރްމީނިއާގެ ގައުމީ ޓީމަށް 83 މެޗު ކުޅެފައިވާ މިކިޓަރިޔަން ވަނީ އެ ގައުމުގެ މޮޅު ކުޅުންތެރިޔާގެ މަގާމު 8 ފަހަރު ހޯދާފައެވެ.

ރޯމާއިން މިކިޓަރިޔަން ގެންދިޔައިރު، އެޓީމުން ވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ނިކޮލާ ކަލިނިޗްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ޑިފެންޑަރު ސްމޯލިންގެ ސޮއިވެސް ހޯދާފައެވެ.