ކުރެންދޫ ދައިރާގެ މަޖިލިސް މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމްގެ ހެޔޮ އެދުންތަކާއެކު، އެރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ހަތަރު ވަނަ "ކުރެންދޫ ކަޕް" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު ޖާގަ ކުއެނާ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ކުއެނާ ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ކޮލިފިކޭޝަން ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ޒިފިޔަސް ޔޫތު ޖެސްޓު (އެކްސްވައިޒެޑް) އަތުން ފަސޭހަ ކަމާއެކު 5-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުއެނާ ސްޕޯޓްސް ކުލަބުގެ އިބްރާހިމް ޝަނޫނެވެ. އޭނާ ވަނީ މެޗުގައި އެޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ކޮލިފިކޭޝަން ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަކަށް ގްރޫޕް ސްޓޭޖުން ޖާގަ ލިބޭއިރު، ކުއެނާއާ އެކު ދެން ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ހަފްޝީ ސްޕޯޓްސް ކުލަބެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ 9 ޓީމެއް ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގައި ދެން ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ.