ރާއްޖެފަދަ ކަނޑުގެ ސަރަހައްދަށް ބަރޯސާވެފައިވާ ގައުމަކަށް ކޮންފަރެންސްތައް މެދުވެރިކޮށް، ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕެރެޑައިސް އައިލެންޑްގެ ރިސޯޓުގައި ކުރިއަށްދާ "އިންޑިއަން އޯޝަން ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަހައްދު ކަމަށެވެ. އަދި އިގްތިސޯދީ ގޮތުންނާއި އެހެނިހެންވެސް ގޮތްތަކުން ރާއްޖެ އެންމެ ބޮޑަށް ބަރޯސާވެފައިވަނީވެސް ކަނޑުގެ ސަރަހައްދަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކަނޑުގެ ސަރަހައްދުތަކުގެ ވާހަކަ ދައްކާއިރު އެންމެ ބޮޑު އެއް އަމާޒަކަށް ވާން ޖެހޭނީ ގައުމާއި ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އެގޮތުން މި ކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު 3 ކަމަކީ ނެވިގޭޝަނަލް ސެކިއުރިޓީ އާއި، ކަނޑުމަގުން ކުރިމަތިވާނެ ޓެރަރިޒަމްގެ ބިރުވެރި ކަމާއި، މެރިން އިކޮލޮޖީ ރައްކާތެރިކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްކާތެރިގޮތުގައި ދަތުރުފަތުރުކުރުމާއި އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ރާއްޖެއިން އަބަދުވެސް އިހްތިރާމް ކުރާނެކަމަށެވެ. ޓެރަރިޒަމާއި ހައްދުފަހަނައެޅުން އެއީ މިހާރު މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެތެރޭގެ ހަނގުރާމަތަކާއި އިގްތިސޯދީ ހީނަރުކަންފަދަ މައްސަލަތަކަކީ މިހާރު އިންޑިއާ ކަނޑަށްވެސް ކުރިމަތިވެފައިވާ ބިރެއް ކަމަށެވެ. އެހެންކަމުން ޤައުމުތަކުގެ ބޯޑަރުތައް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރަށް އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، މި ސަރަޙައްދުގައި ސުލްހަ ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙު ވަނީ ވިދާޅުވެފައެވެ.