ޔުވެންޓަސް އާއި އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވުމުން، 6 މަހަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކިއެލީނީއަށް އަނިޔާވެފައިވަނީ ޔުވެންޓަސްއިން ކުރިއަށްގެންިދޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެ އަނިޔާއަށް ފަރުވާ ކުރަމުން އަންނަ ކިއެލީނީ ވަނީ އިއްޔެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އެއާއެކު އަންނަ އަހަރުގެ މާޗު މަހާއި ހަމައަށް އޭނާ ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިއެލީނީގެ ބަދަލުގައި، ޔުވެންޓަސްގައި ވެސް އަދި އިޓަލީގައި ވެސް ކެޕްޓަންގެ ޒިންމާ ނަގާނީ ލިއޮނާޑޯ ބޮނޫޗީ އެވެ. އަދި ބޮނޫޗީއާ އެކު، ޔުވެންޓަސްގެ ފަހަތް ބަލަހައްޓާނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު މަތިއަސް ޑި ލީޓް އެވެ.

މި އަނިޔާގެ ސަބަބުން ކިއލީނީއަށް މުހިންމު ގިނަ މެޗުތަކެއް ގެއްލޭއިރު، ޔޫރޯ ކޮލިފައިންގައި އިޓަލީން ކުޅޭ ގިނަ މެޗުތަކެއްވެސް އޭނާއަށް ގެއްލޭނެއެވެ.

ލިވޯނޯ، ރޯމާ އަދި ފިއޮރެންޓީނާ އަށް ވެސް ކުޅުނު ކިއެލީނީ އަކީ 2005 އިން ފެށިގެން ޔުވެންޓަސްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އަދި ގައުމީ ޓީމަށް 2005 އިން ފެށިގެން 103 މެޗު އޭނާ ވަނީ ކުޅެދީފަ އެވެ.