އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ބޭއްވުމަށް ނިންމާފައިވާ، "ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވީނިއުސްގެ ތަފްސީލު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޯކާ މީޑިއާ ގްރޫޕުގެ މެނޭޖަރު އަހުމަދު ނާސިރު ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އަށް މިހާތަނަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އަދިވެސް އެ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކްސްޕޯގައި ބައިވެރިވާން ގިނަ ބަޔަކު މިހާރުވެސް ހުށަހަޅާފައި ވާއިރު، ގިނައިން ހުށަހަޅާފައި ވަނީ ގޯލްޑް 100 އަށް ހޮވުނު ރާއްޖޭގެ ކުންފުނިތައް ކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރު އިތުރަށް ވިދާޅުވީ "ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ މައިގަނޑު ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. އެގޮތުން މި އެކްސްޕޯ މެދުވެރިިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ވިޔަފާރި ކުރިއެރުވުމަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.

މި މަހުގެ 29 އަދި 30 ވަނަ ދުވަހުގައި ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައިވާ މި އެކްސްޕޯގެ ތެރެއިން 4 ސަމިޓެއް ކުރިއަށްދާނެ ކަމަށްވެސް އަހުމަދު ނާސިރު ވިދާޅުވިއެވެ. އެގޮތުން "ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް"، "މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓ"' ، ޢާޑީ "މޯލްޑިވްސް ޓެކް ސަމިޓް" އާއި "މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓު" ވެސް އެކްސްޕޯގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ.

އަދި ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އޯކާ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.