ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާ ބައްދަލު ކުރައްވައިފިއެވެ.

4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވައި ރައިސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

ރާއްޖެއާއި އެންމެ ގާތް ގުޅުމެއް އޮންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރެއްވިއެވެ.

އެގޮތުން ކުރިޔަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ރާއްޖެ ތަރައްގީކުރުމާއި، ވިޔަފާރިއާއި، ސަރަހައްދީ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާތައް ފާހަގަވެގެންދެއެވެ. މިކަންކަމުގެ ނަތީޖާއަށް ވާސިލުވުމަށްޓަކައި ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި ވެވުނު އެއްބަސްވުންތަކާއި، މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގެ ސަބަބުން ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނި ފާހަގަކުރައްވަފައެވެ.

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރަށް އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ މަގާމު ލިބިވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، ޑރ. ސުބްރަމާނިއަމް ކުރިން އަދާކުރެއްވި ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުކަމުގައި ހުންނެވި ސުޝްމާ ސްވަރާޖް އަވަހާރަވުމަކީ އިންޑިއާއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަން ފާހަގަކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހުރިއްޔާ ވަނީ އިންޑިޔާގެ ރައީސަށާއި ބޮޑުވަޒީރަށް އުފާ ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.