ހައި ކޯޓުގެ ފަނޑިޔާރު އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއާ ގުޅޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައި ކޮމެޓީއަށް ފޮނުވާފައި މިވަނީ، ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލީ މައްސަލަ ބަލައި ނެރުނު ހުލާސާ ރިޕޯޓުގައި ހަސަން އަލީގެ ބަޔާނެއް ހިމަނާފައިވާކަން ހާމަވެފައިވާ ވަގުތެއްގައެވެ.

ޖޭއެސްސީން ހަސަން އަލީގެ މައްސަލައެއް ބެލުމަށް ނިންމާފައި މިވަނީ އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މައްސަލައެއް ބެލުމަށް ނިންމައި ކޮމިޓީއަށް ފޮނުވިކަން ހާމަކޮށްފައިވީ ނަމަވެސް އެއީ ކޮން މައްސަލައެއް ކަމާއި މައްސަލައާއި ގުޅުންހުރި އިތުރު އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމައި އެކަމަށް ކޮމެޓީއެއް އެކުލަވާލާފައެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރަށް، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. ޖޭއެސްސީް ބަލަން ނިންމި ދެވަނަ މައްސަލަވެސް ހުށަހަޅާފައި ވަނީ ހަމަ އެ ކޮމިޓީއަށެވެ.

ހުސްވި އަހަރުގެ މާޗް މަހުގެ ތެރޭގައި ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އިރު، އިމިގްރޭޝަން ކޮންޓްރޯލަރ ކަމުގެ މަގާމްގެ އިތުރަށް ހަސަން އަލީ ވަނީ، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.