ޕޯޗުގަލްގެ ފުޓުބޯޅައިގެ މައި އިދާރާއިން ދޭ އެ ގައުމުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު 10 ވަނަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

ޕޯޗުގަލްގެ ކެޕްޓަންކަމުގެ އިތުރުން އިޓަލީގެ ޔުވެންޓަސްގައި ކުޅެމުން އަންނަ ރޮނާލްޑޯއަށް މި އެވޯޑު ލިބުމާއެކު އޭނާ ވެގެންގޮސްފައިވަނީ ޕޯޗުގަލްގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައެވެ.

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 10 ފަހަރު ހޯދުމުގެ އިތުރުން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ އެންމެ ޝަރަފްވެރި އެވޯޑު ފަސް އަހަރު ހޯދާފައެވެ.

ރޮނާލްޑޯ މިފަހަރު އެވޯޑު ހާސިލުކުރީ މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވާ އާއި އެޓްލެޓިކޯ މެޑްރިޑްގެ ޒުވާން ފޯވާޑް ޖޯ ފެލިކްސްއާ ވާދަކޮށްގެންނެވެ. މި އެވޯޑު އެންމެ ފުރަތަމަ ރޮނާލްޑޯ ހާސިލުކޮށްފައިވަނީ 2007 ވަނަ އަހަރުގައެވެ.

އެވޯޑު ހޯދުމަށްފަހު ޕޯޗުގަލްގެ މީޑިއާތަކުގައި ވާހަކަދައްކަމުން އުމުރުން 34 އަހަރުގެ ރޮނާލްޑޯ ބުނީ 2019 އަހަރަކީ ފަސޭހަ އަހަރެއް ނޫން ކަމަށާއި ކާމިޔާބު ހޯދަން ބުރަ މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން އޭނާއާއެކު އެއް ސްޓޭޖަކުން ބައްދަލުވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި ޕޯޗުގަލްގެ ފުޓުބޯޅަ ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 158 މެޗުގައި 88 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރޮނާލްޑޯގެ ބޮޑު ދައުރަކާއެކު އެ ގައުމު ވަނީ ޔުއެފާ ޔޫރޯގެ އިތުރުން ނޭޝަންސް ލީގު ހޯދާފައެވެ.