ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގުމާއި ހަވާލުވެ، އެ އިދާރާގެ މަސައްކަތްތައް ކުރަމުންގެންދާ ނޯމައިޒޭޝަން ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫންކަމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ނިންމައިފިއެވެ.

ވީ ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހާމަކޮށް އެފްއައިވީބީގެ ގެނެރަލް ޑިރެކްޓަރގެ ސޮޔާއިއެކު މިއަދު ވަނީ ނޯމަލައިޒޭޝަން ކޮމެޓީގެ ރައީސް އަބްދުﷲ އާމިރަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގެ ކޮޕީއެއް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށްވެސް ވަނީ ފޮނުވާފައެވެ.

އެފްއައިވީބީން ފޮނުވި ސިޓީގައިވާ ގޮތުން އެ އިދާރާގެ ހިންގުން މިހާރުން މިހާރަށް ވޮލީބޯޅަ އެސޯސިއޭޝަނަށް އިންތިހާބުކުރެވިފައިވާ ފަރާތްތަކަށް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. އަދި ނޯމަލައިޒޭޝަން ކޮމެޓީން ނިންމާ އެއްވެސް ނިންމުމެއް އެފްއައިވީބީން ގަބޫލުނުކުރާނެ ކަމަށާއި އިންތިހާބުކޮށްފައިވާ ފަރާތަށް ހަވާލުނުކޮށްފި ނަމަ ރާއްޖެއަށް ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން ފުރުސަތު ނުދީ ސަސްޕެންޑުކުރުމުގެ ޖެހިދާނެ ކަމަށްވެސް އެފްއައިވީބީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ އޮލިމްޕިކް ޗާރޓާއާއި އެއްގޮތްވާގޮތުގެ އެފްއައިވީބީގެ މެމްބަރު އެސޯސިއޭޝަންތަކުން އެ އެސޯސިއޭޝަންތައް ހިންގަން ވާނީ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެއީ ސިޔާސީ ނުފޫޒުތަކުން އެއްކިބާކުރުމަށް ހަދާފައިވާ ގާނޫނުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ވޮލީބޯޅަ އެސޯސިއޭޝަނުގެ ނަމުގައި އެއްވެސް އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ނޯމަލައިޒޭޝަން ކޮމެޓީން ވޮލީބޯޅަ އެސޯސިއޭޝަނުގެ ނަމުގައި ފަށާފައިވާ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ވޮލީބޯޅައިގެ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑުކުރުމަކީ ބޭނުންވާގޮތް ނޫން ކަމަށާއި މިކަމާއި ގުޅުންހުރި ފަރާތްތަކުން މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް އެއް މޭޒަކަށް އައުމަށް އެފްއައިވީބީން ވަނީ މި ބަޔާނުގައި އަންގާފައެވެ.

ވީއޭއެމްގެ އެކްސްކޯއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް ކޮމިޝަނަރާ އޮފް ސްޕޯޓްސް އިން ވީއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ އަކާއި ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީގައި ހިމެނެނީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އާމިރު އާއި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހުސައިން މުޙައްމަދު އާއި އޮލިމްޕިކް ކޮމެޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑް ބޯލް އެސޯސިއޭޝަންގެ ރައީސް އަޙްމަދު އިސްމާއީލްގެ އިތުރުން ކުޅިވަރާއި މިނިސްޓްރީގެ ދެބޭފުޅުންނެވެ.

އެފްއައިވީބީން ވަނީ މިިދިޔަ މަހުވެސް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ. ޖުލައި މަހުގެ ތެރޭގައި އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރ ފަބިއޯ އަޒެވޭޑޯ ސޮއިކުރައްވާ، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ވީއޭއެމްގެ އެކްސްކޯ އުވާލަން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ބެލެނިވެރި ފަރާތަކީ އެފްއައިވީބީ ކަމަށާއި، އެހެންކަމުން އެ އިދާރާގެ މައްސަލަތައް ބަލާނީ އެފްއައިވީބީން ކަމަށް ވަނީ މީގެކުރިންވެސް ބުނެފައެވެ.