ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ފަށާފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއާ ގުޅޭ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމައި އެ މައްސަލަ ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ނިންމި މައްސަލައަކީ އެ ކޮމިޝަނަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ދިިިން ބަޔާނަކާ ގުޅިގެން ބަލަން ނިންމި މައްސަލައެއް ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ހާމަކޮށްފައިވާ ބަޔާނުގައިވާގޮތުގައި ރިލްވާން ރަހީނުކޮށްގެން ގެންގޮސް ކަނޑުފައްތައި މަރާލީ ދީނީ ހަރުކަށި ފިކުރުގެ އަލްގައިދާއަށް ވާގިވެރިވާ ދިވެހިންގެ ބަޔަކެވެ. އަދި އެ ލާއިންސާނީ އަމަލު ހިންގުމަށްފަހު އެމީހުން ސީރިއާއަށް ފުރައިގެންދާން އުޅުނު ކަމަށާއި މަސައްކަތް ކޮށްފައިވަނީ ރިލްވާން ސީރިއާއަށް ފުރައިގެން ދިޔައީ ކަމަށް ދައްކަން ކަމަށެވެ. އެކަމަށް ދައުލަތުގެ މުއައްސަސާތަކާއި ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ކުރިން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައިވެސް ހުންނެވި ފަނޑިޔާރު ހަސަން އަލީއާއި ގުޅިގެން ކޮމޝަނުގެ ރިޕޯޓުގައި ވާގޮތުން ދެ ފުލުހަަަަަކު އޭނާއާ ބައްދަލުކޮށް ރިލްވާނުގެ މައްސަލަ ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި ރިލްވާންގެ ޕާސްޕޯޓެއް ހަދައި، އޭނާ ބޭރަށް ދިޔަ ކަމަށް ދައްކައި އެންޑީޓީވީ ފަދަ ޗެނަލަކުން ރިލްވާން މަރުވި ކަމުގެ ހަބަރު ގެނެވިދާނެ ކަމަށް އެ ދެ ފުލުހުން ބުނި ކަމަށްވެސް ފަނޑިޔާރު ހަސަން އަލީ ދެެެެެއްވާފައިވާ ބަޔާނާއި ހަވާލާދީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ފުލުހުންގެ މި އެދުމުގެ މަތިން ރިލްވާނުގެ ފޭކު ޕާސްޕޯޓެއް ހަދައި އެކަން ކުރިޔަށް ގެންދިޔުމަށް ދެ ފުލުހުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެގޮތުން ރަސްމީ ލިޔުން ދީގެން ނޫނީ ޕާސްޕޯޓް ނުހެދޭނެ ކަމަށް އެންގުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ދެ ފުލުހުން ބުނުމުން ރިލްވާންގެ އަސްލު ޕާސްޕޯޓާ އެއްގޮތަށް އެހެން އެއްޗެއް ހެދިދާނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި އެ ހިޔާލަކީ ރަނގަޅު ހިޔާލެއް ކަމަށް ދެ ފުލުހުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

މީގެ ކުރިން ވެސް ޖޭއެސްސީން ވަނީ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމައި އެކަމަށް ކޮމެޓީއެއް އެކުލަވާލާފައެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. ހަސަން އަލީގެ އާ މައްސަލަ ވެސް ބަލަން ފޮނުވީ ހަމަ އެ ކޮމެޓީއަށެވެ.

ފަނޑިޔާރު ހަސަން އަލީއަކީ މިދިޔަ ސަރުކާރުގައި ސިޔާސީ މަގާމުތައް ފުރުއްވި ބޭފުޅެކެވެ. ހުސްވި އަހަރުގެ މާޗް މަހުގެ ތެރޭގައި ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އިރު، އިމިގްރޭޝަން ކޮންޓްރޯލަރ ކަމުގެ މަގާމްގެ އިތުރަށް ހަސަން އަލީ ވަނީ، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމު ވެސް އަދާކުރައްވާފައެވެ.