ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދަށަށް ބަދަލުކުރުމަކީ ޖުޑީޝަރީގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އިއްޔެ ވަނީ ތަސްދީގު ކުރައްވާފައެވެ. ބިލުގައިވާގޮތުން ޑީޖޭއޭ ހިންގަމުންދާނީ ޖޭއެސްސީގެ ދަށުންނެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުވާގޮތަށް ގާނޫނު ފާސްކުރިކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ޖުޑީޝަރީގެ މިނިވަންކަމަށް ހުރަސްއަޅައި ޖުޑީޝަރީއަށް ނުފޫޒުފޯރުވުމުގެ އަމަލެއްގެގޮތުގައި ސިފަކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއިން ބާރުތައް ވަކިކޮށްފައިވާ ނިޒާމު މުޅިން ނެތިގެން ހިނގައްޖެ ކަމަށެވެ.