ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާއަށްފަހު، މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވި ނަމަވެސް ޗުއްޓީ ތެރޭގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވިދާޅުވީ ދައުރުގެ މަސައްކަތްތައް ނިންމާލައި މަޖިލީސް ޗުއްޓީއަށްދިޔަ ނަމަވެސް، މަޖިލީހުގެ މެންބަރުން ނިންމެވި ގޮތުގެ މަތިން 241 ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމިޓީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އަހުމަދު ރިލްވާންގެ މައްސަލާގައި އެކުލަވާލި ރިޕޯޓުގެ މަސައްކަތް ނިމި، އެ ރިޕޯޓުގެ މަސައްކަތް 241 ކޮމެޓީއާއި ހަވާލުކުރެވޭތީ ކަމަށް ވިދާޅުވިއެވެ. އަދި ޗުއްޓީގެ ތެރޭގައި ކޮމިޓީން ކުރާނީ ހަމައެކަނި އެ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލައާއި ގުޅިގެން ކޮމިޓީގެ މަސައްކަތްތައް މިހާރުވެސް ވަނީ ފަށާފައެވެ. އެގޮތން ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ މަޖިލީހުގެ 241 ކޮމިޓީން ދަނީ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ އިހުމާލުތަކުގެ މައްސަލައިގައި ކޮމިޓީގެ ރިޕޯޓް ނިންމުމުގެ ގޮތުން ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ. ރިލްވާންގެ މައްސަލާގައި 241 ކޮމިޓީން ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

މީގެ އިތުރަށް ގައުމުގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށާއި އެފަދަ ހާލަތެއް ދިމާވެދާނެތީ ވެސް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ރިލްވާންގެ މައްސަލައިގެ ރިޕޯޓު ހާމަކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ރިޕޯޓުގައި ބުނާގޮތުން ރިލްވާން ރަހީނު ކުރުމަށްފަހު ވަނީ މަރާލާފައެވެ. އަދި އެކަން ކޮށްފައިވަނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމަށާއި އޭނާ މަރާލާފައިވަނީ ކަނޑު ފައްތައިގެން ކަމަށްވެސް ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.