ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ގުއާމް އާއި ދެކޮޅަށް ރަށުންބޭރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ގުއާމްގައި ކުޅުނު މެޗު ރާއްޖެ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ފޭދޫ އިއްބެ މި ގޯލު ކާމިޔާބުކޮށްފައިވަނީ ގުއާމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައަކުންނެވެ. މި ގޯލަށްފަހުވެސް ރާއްޖެ ޓީމަށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެގެންދިޔައެވެ. އަދި ގުއާމް އަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ޑިފެންސް ލައިނާއި ގޯލްކީޕަރެވެ.

މެޗުގެ ދެވަނަ ހާފުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައެވެ. އަދި ގިނަ ބޯޅަތައް ގެއްލިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ގުއާމް ވަނީ ދެވަނަ ހާފު ގިނަވަގުތު ބޯޅަ ގެންގުޅެފައެވެ.

މިއީ މިދިޔަ އަހަރު ސެޕްޓެމްބަރު 15 ވަނަ ދުވަހު ކުޅުނު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗަށްފަހު ރާއްޖެ އަށް މޮޅުވެވުނު ފުރަތަމަ މެޗެވެ. އޭގެ ފަހުން މެލޭޝިއާއާ ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗާއި މި އަހަރުގެ އައިއޯއައިޖީގައި ރާއްޖެ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެވެއެވެ.

އެމެރިކާގެ ޓެރެޓަރީއެއް ކަމަށްވާ ގުއާމް އޮތީ ފީފާ ރޭންކިންގެ 190 ވަނައިގައެވެ.

ރާއްޖެ ހިމެނޭ ކޮލިފައިންގެ ގްރޫޕް އޭގައި ހިެމނޭ ފިލިޕީންސްއާއި ސީރިއާ މިރޭ ބައްދަލުކުރާނެއެވެ. ރާއްޖެ ދެން މެޗެއް ކުޅެން ޖެހޭނީ އަންނަ އަންގާރަ ދުވަހުގައެވެ. އަމިއްލަ ދަނޑުގައި ރާއްޖެ ބައްދަލުކުރަންޖެހޭނީ އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށެވެ.