މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފަހު ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނުގައިވާ ހުރިހާ ފަނޑިޔާރުންގެ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރިޕޯޓުގައި ނަން ހިމަނާފައިވާ ހުރިހާ ފަނޑިޔާރުންގެ މައްސަލަވެސް ޖޭއެސްސީން ބަލައި ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފަނޑިޔާރެއްގެ މައްސަލަ މިހާރުވެސް ބަލަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރިލްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ފަށާފައިވާކަން ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.

މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ވަނީ ދައުލަތުގެ ބައެއް ވެރިންނާއި ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރެއިން ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ބަލަން ފަށާފައިވާއިރު މަރު ކޮމިޝަނުން އާންމުުރި ރިޕޯޓުގައިވާގޮތުން ފަޑިޔާރު ހަސަން ވަނީ ރިލްވާނުގެ ފޭކު ޕާސްޕޯޓެއް ހެއްދުމަށް އަންގައި އޭނާ ސިރިޔާއަށްގޮސް މަރުވީކަމުގެ ޚަބަރު ފެތުރުމަށް އޭނާ މަރާލި މީހުންނަށް އެހީތެރިވެދީފައެވެ.

މި ރިޕޯޓުގެ ތަފްސީލް ރިޕޯޓާއި ޚުލާސާ ރިޕޯޓު ކޮމިޝަނުގެ ރައީސް ހުސްނުއްސޫދު ވަނީ މަޖިލީހުގެ ރައީސް ނަޝީދަށް އަރުވާފައެވެ. އޭގެ ތެރެއިން ޚުލާސާ ރިޕޯޓު މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށް ތަފްސީލު ރިޕޯޓު ވަނީ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާވެސް ހިއްސާކޮށްފައެވެ. މިކަމާއި ގުޅިގެން ސިޔާސީ ގިނަ ފަރާތްތަކަކާއި ޝަރުއީ ދާއިރާގެ ގިނަ ބައެއްގެ އިތުރަށް އާންމުންގެވެސް ވަރަށް ބޮޑު ފާޑުކިޔުންތައް ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ކަމާ ނުބޭހޭ ބަޔަކަށް އެފަދަ މައްސަލައެއްގެ ރިޕޯޓެއް ހިއްސާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނިއިރު، އެ ރިޕޯޓު ލިބިފައިވާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން ޕީޖީ ލީޑަރުންނާ ހިއްސާކުރެވުނު ރިޕޯޓު އަނބުރާ ނަންގަވާފައިވާ ކަމަށް ވެއެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެއްވައި ރައީސް ނަޝީދު ވަނީ މެމްބަރުންނަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތަށް ރިޕޯޓު ދެއްވާފައި އެ އަނބުރާ އަތުލުން އެއީ ހިންގޭނެ އަމަލެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓުގައި ހެކިންގެ މައުލޫމާތު ހާމަކޮށްފައިނުވާކަން ފާހަގަކުރައްވައި މަޖިލީހުގެ މެމްބަރުންނާ ރިޕޯޓު ހިއްސާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.