ނިމިދިޔަ ސަރުކާރުގައި ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ވަޒީފާތައް ހޯދައިދިނުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ހުށަހަޅަައިފިއެވެ.

ކުރީ ސަރުކާރުގައި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެެ. އެގޮތުން ސަރުކާރު ވަޒީފާތަކުގައާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މީހުން ސިޔާސީ ނުފޫޒުން ވަޒީފާއިން ވަކިކޮށްފައިވާތީ އެމީހުން ދިޔައީ އަބަދުވެސް ވަޒީފާ އިއާދަކޮށްދިނުމަށް ސަރުކާރުގައި އެދެމުންނެވެ. އެފަދަ މީހުންގެ ވަޒީފާ އިއާދަކޮށްދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްވެސް މެއެވެ.

މި ވައުދު ފުއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އަދި ރައީސް އޮފީހުން ވަނީ ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންގެ ޝަކުވާތައް ހުށަހެޅުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހުޅުވާލާފައެވެ. މި މުއްދަތު ހަމަވެފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުއްދަތު ހަމަވިތާ 7 މަސް ވެފައިވާއިރު އަދިވެސް ވަޒީފާ ގެއްލުނު ފަރާތްތަކުގެ ޝަކުވާތަކަށް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާތީ އޭގެ ތެރެއިން ބައެއްގެ އިސްނެގުމާއި އެކު މިއަދު ވަނީ ރައީސް އޮފީހަށް ސިޓީއެއް ހުށަހަޅާފައެވެ. އެ ސިޓީގައި އެމީހުން ވަނީ ވަޒީފާ ގެއްލުމަށްފަހު ދިރިއުޅުމުގެ ހާލަތު ހުރިގޮތް ބަޔާންކޮށްދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރުމަށް އެދިފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ވަޒީފާ ގެއްލިފައިވާ މީހުންނާ ދޭތެރޭ ކަންތައް ވެފައިވަނީ ވަރަށް ބޭއިންސާފުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ސަބަބަށްޓަކައި ރައީސް ވަނީ ވަޒީފާ އިއާދަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށެވެ. އެގޮތުގެ މަތިން އުފެއްދި ކޮމިޓީންވެސް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ބައެއް މީހުންގެ ވަޒީފާ އަނބުރާ ހޯދައިދީފައިވާ ކަމަށެވެ.

އެހެންނަމަވެސް ބައެއް މަގާމުތަކުން މީހުން ވަކިކުރުމަށްފަހު މިހާރު އެ މަގާމުތަކަށް އިތުރު ބަޔަކު އައްޔަންކޮށްފައިވާތީ އެ މަގާމުތައް އަނބުރާ ހޯދައިދިނުމަކީ ކުރަން އުނދަގޫ ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަން އެގޮތަށް ކޮށްފިނަމަ އަނެއްކާވެސް އިތުރު ބައެއްގެ ވަޒީފާތައް ގެއްލޭނީ ކަމަށާއި އެއީ އިންސާފު ކަމަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ވަޒީފާ ގެއްލިފައިވާ ހުރިހާ އެންމެނަށްވެސް ވީ އެންމެ ރަނގަޅު ގޮތެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.