ކެންސަރ ސޮސައިޓީގެ ފަރާތުން ޗައިލްޑްހުޑް އެވެއާނެސް ގުޑްވިލް އެމްބެސެޑަރަކަށް ރާއްޖޭއަށް ޓީޓީން ރަންވަނަތަކެއް ހޯދާދީފައިވާ އާއިޝަތު ރަފާ ނާޒިމް ހަމަޖައްސައިފިއެވެ.

ރަފާއަށް އެމްބެސެޑަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފެވެ.

ރެލީ ފޮރ ޗައިލްޑްހުޑް ކެންސަރ ޕްރޮގްރާމް ފައްޓަވައިދިނުމުގެ ގޮތުން އާޓް ގެލެރީ ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ކެންސަރު ޖެހެން އުޅޭނަމަ އެކަމުގެ ބައެއް އަލާމާތްތައް މިހާރުވެސް އެނގެން ހުންނަ ކަމަށާއި އެކަންކަމަށް ރައްކާތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން މާގިނައިން ބޮލުގައި ރިއްސާ ހޮޑުލަވާނަމަ ކުރީބައިގައި އެކަމަށް ސަމާލުވެ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. މީގެ އިތުރަށް އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމުގެ ގޮތުން ގާތްތިމާގެ ނުވަތަ ރައްޓެއްސެއްގެ ގައިން މިކަހަލަ އަލާމަާތްތައް ފެންނަން ފަށައިފިނަމަ އެމީހަކަށް ދެވެން އޮތް އެހީތެރިކަމެއް ދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރަށް ކުޅިވަރާއި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓް ކުރުމަށް މިސަރުކާރުން ދޭ އަހަންމިއްޔަތު ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެގޮތުން އައުޓް ޑޯ ޖިމްތައް ގާއިމްކޮށް ސްޕޯޓްސް ކައުންސިލަރުން އައްޔަންކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ވަރަށް ބާރަށް ކުރިއަށް. ހާއްސަކޮށް ކަސްރަތާ ދުރު ފަރާތްތައް ކަސްރަތަަށް އަހުލުވެރިކުރުވުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. ހެލްތީ ލައިފްސްޓައިލަކަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދޭނަން" މިނިސްޓަރު ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަަހަކީ ދުނިޔޭގައި ކުޑަކުދިންގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ކުރެވިފައިވާ މަހެކެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިފަދަ ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިއަހަރު އޮތީ ޓޭބަލް ޓެނިސް ކުޅުމުގެ ހަރަކާތްތަކެކެވެ. މިހަރަކާތް ފައްޓަވައިދެއްވީ މިނިސްޓަރ މަހުލޫފާއި ރާއްޖޭއަށް ޓީޓީން ރަންވަނަތަކެއް ހޯދާދީފައިވާ އަދި މިހާރު ޗައިލްޑްހުޑް އެވެއާނެސް ގުޑްވިލް އެމްބެސެޑަރު ރަފާގެ ޓީޓީ މެޗަކުންނެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ވަނީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުންނެވެ. ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން 15 އިންސައްތަ އަކީ ކުޑަކުދިން ކަމަށް ކެންސަރ ސޮސައިޓީން މައުލޫމާތުދެއެވެ. އަދި އެކަން ދެނެގަނެވުނު ހިސާބުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާނެ ކަމަށްވެސް ކެންސަރ ސޮސައިޓީން މައުލޫމާތު ދެއެވެ.