ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި، ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން އުޅުނު ދެ ފުލުހުން ހައްޔަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގައި އެކަން ތަހްގީގުކުރި ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓް ދިރާސާކުރުމަށް މިރޭ 241 ކޮމެޓީން ބޭއްވި ބައްދަލުވުމަށްފަހު ބޭރަށް ނިކުންނަވާ ނޫސްވެރިން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސީޕީ ވިދާޅުވީ "އަޅުގަނޑުމެންނަށް އެޓަރނީޖެނެރަލް ފޮނުވާފައިވާ ސިޓީ އާއި ގުޅިގެން މިހާރު އެ ޕްރޮސެސް އެބަހިނގާ" ކަމުގައެވެ.

ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާއާ ހަސަން އަލީއާ ބައްދަލުކުރީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިރޭ ވަނީ ފުލުހުންނަށް އަންގަވާފައެވެ.

އޭޖީން ފުލުހުންނަށް ފޮނުވި ސިޓީގައި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ތަހުގީގުން، ދެ މީހަކު އިސްވެ ތިބެ، ގޭންގް ބައެއް މެދުވެރިކޮށް ދެ މީހަކު ކަނޑު ފައްތަން އުޅޭ ކަމުގެ މައުލޫމާތު "އޭ ގްރޭޑްގެ ސޯސް" އަކުން ފުލުހުންގެ އިންޓެލިޖެންސަށް، 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ލިބި އެކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނާތީ އެކަން ވެސް ތަހުގީގުކުރަން އެދިފައިވެއެވެ. އަދި އެކަމުގައި ޝާމިލްވި ފުލުހުން މަސައްކަތުން އެކަހެރި ކުރުމަށް ވެސް އޭޖީ އޮފީހުން ލަފާ ދީފައިވެއެވެ.

އޭޖީ އޮފީހުން މިގޮތަށް އަންގާފައިވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ލިބިދޭ ބާރުންނެވެ. އެ މާއްދާގައި ބުނާ ގޮތުން ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަންޖެހެއެވެ.

ރިލްވާން ވަގަށް ނަގައި މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާއިރު ރިލްވާންގެ ތަހުގީގަށް ހުރަސްއަޅައި، ރިލްވާން ރާއްޖޭން ބޭރަށް ގޮސްފައިވާކަން ދައްކަން ޕާސްޕޯޓެއް ހަދަން ދެ ފުލުހުން ދިޔައީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި މިހާރު ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އަރިހަށް ކަމަށް ކޮމިޝަނުގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ރިލްވާން ވަގަށް ނެގި މައްސަލާގައި ފަސް ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭއިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެކަމުގަައި ޝާމިލްވާ ފަސް ފުލުހުން ހައްޔަރުކޮށް އެމީހުން ވަޒީފާއިން މިހާރުން މިހާރަށް ދުރުކުރެވެން ޖެހޭނެ ކަމަށެވެ.