ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ނިންމަވައި އެކަމަށް ތައްޔާރުވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވިދާޅުވީ ރާއްޖޭގެ ރައީސަކު އދގެ އާއްމު މަޖިލީހުގައި ތަގުރީރު ނުކުރައްވާތާ މިވޭތުވެގެންދިޔަ ހަ އަހަރަކީ ވަރަށް ހިތާމަވެރި ހަ އަހަރު ކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެންމެ ހާމަކަންބޮޑު ގޮތެއްގައި ހާމަކޮށްދެވެނީ އދ.ގެ އާއްމު މަޖިލީހުގައި ކަމަަށާއި އަދި އެ މަޖިލީހަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޑރ. އާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވައި ޑރ. އާސިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތު ބޮޑަށް އަމާޒުކޮށްފައިވަނީ އިންސާނީ ހައްގުތަކަށާއި، ތިމާވެށި ހިމާޔަތް ކުރުމަށާއި އާއްމުންގެ ތެރޭގައި ޑިމޮކްރަސީ އޮތް މިންވަރު ބޭރު ދުނިޔެއަށް ހާމަކޮށްދިނުުމަށް ކަމަށެވެ.

"ފާއިތުވެދިޔަ އަހަރުތަކުގައި އައި ރައީސުންގެ ތެރެއިން ރައީސް މައުމޫނާ ހަަމައިން ފެށިގެން ރައީސް ވަހީދާ ހަމައަށް ހުރިހާ ރައީސުން އެމަޖިލީހުގައި ވަނީ ތަގުރީރު ކުރައްވާފަ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމާ ހަމައިން އެކަން ބަދަލުވެގެން ގޮސްފައި މިވަނީ" ޑރ. އާސިމް ވިދާޅުވިއެވެ.