ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމަށް ބުނާ ދެ ފުލުހުން ރަސްމީ މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ރިލްވާން މަރާލި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު މަގާމުގެ މަސްއޫލިއްޔަތުން މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ފުލުހުން ރަސްމީ މަސައްކަތުން އެކަހެރިކުރީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު، އެ މައްސަލައިގައި ގޮތް ނިންމުމަށް ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ވެއްދުމުން އެ ބޯޑުން ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމަށް ބުނާ ފުލުހުން ރަސްމީ މަސައްކަތުން އެކަހެރިކޮށްފައިވާއިރު، އެ ރިޕޯޓުގައި ނަން ހިމެނިފައިވާ ފުލުހުންގެ މައްސަލަތަކާ ގުޅިގެން ބަންޑާރަނާއިބު ވަނީ ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސީޓީގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުުންގެ އިދާރާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ސިޓީގައި ފާހަގަކޮށްފައިވަނީ ކޮން ކަންތައްތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ބަންޑާރަނައިބު ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ހުރަސްއަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާންގެ މަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށެވެ.

އަދި އެކަމަށް އެދި ފޮނުވި ސިޓީގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ފުލުހުން މަގާމުގެ ޒިންމާއާއި މަސްއޫލިޔައްތުން ވަކިކޮށް ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުރަން އަންގާފައިވާނީ އެ މީހުން މިނިވަންކަމާއެކު މުޖްތަމައުގެ ތެރޭގައި އުޅެމުންދާނަމަ އިންސާފަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ހުރަސްއެޅިދާނެތީ ކަމަށް ވެސް ބަންޑާރަނާއިބު ވިދާޅުވިއެވެ.

އެ ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަނާއިބު އެދިވަޑައިގެންފައިވާއިރު މަރު ކޮމިޝަނުން ހާމަކުރި ރިޕޯޓުގައިވާގޮތުން އޭޕްރީލް 24، 2014 އިން ފެށިގެން ޖުލައި 21، 2014 އާ ހަމައަށް ދެ ފުލުހުން ވަނީ ރިލްވާންގެ ފޯނު ކޯލުތައް އަޑުއަހާފައެވެ. އަދި ރިލްވާންގެ ވަގު ޕާސްޕޯޓެއް ހެއްދުމާ ގުޅޭގޮތުން އޭރު އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުގައި ހުންނެވި މިހާރު ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ބައްދަލުކޮށްފައިވަނީވެސް މި ދެފުލުހުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.