މުދައްރިސުން ކުރައްވާ ކަމަކީ ހަމައެކަނި ވަޒީފާއެއް އަދާކޮށްލުން ނޫން ކަމަށާއި އެއީ ބޮޑު ގުރުބާނީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުދައްރިސުން ކުރައްވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭ ބައިވަރު ގޮތްތައް އަދިވެސް އެބަހުރި ކަމަށެވެ.

އަދި ރައްޔިތުންނަށް ހިދުމަތްކުރަން ނުކުމެ ތިއްބެވީ ހުރިހާ ދާއިރާއަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ބަލައި އޮޅުންފިލުވައިގެން ކަމަށާއި ތައުލީމީ ދާއިރާއާއި ގުޅޭ ގޮތުން ޓީޗަރުންގެ ހުރި ކަންބޮޑުވުންތައް ބަލާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދަރިވަރުން އެންމެ ބޭނުންވާ ކަންކަން ދެނެގަނެ، ބެލެނިވެރިންގެ ޝަކުވާތައްވެސް މިހާތަނަަށް އައިއިރު އަޑުއަހާފައިވާނެ ކަމަަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންވީމާ އެކަންކަމަށް ރިއާޔަތްކޮށް، އަންނަނީ ސިޔާސަތުތައް ބަދަލުކޮށް މުހިންމު ހައްލުތައްވެސް ގެންނަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ ޅަފަތުގެ ތައުލީމުން ފެށިގެން، ޔުނިވަރސިޓީ ތައުލީމާ ހަމައަށް އަންނަނީ އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަމުން ކަމަށާއި މިދާއިރާ ހަރުދަނާކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.