ފެލިވަރަށް މަސް ނުކިރުވި އަދި މަހަށް އަޅާނެ އައިސް ނުލިބިގެން މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި ދުވަސް ވަރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މަސް ގަންނަ ކުންފުނިތަކުން ބުނަމުންދާއިރު، ބާނާ މަސް ގަތުމަށް ސަރުކާރުގެ މަސް ކުންފުންޏަށްވެސް ނުކިރޭ ކަމުގެ ޝަކުވާ ބައެއް މަސްވެރިން ދަނީ ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި މަސްވެރިންގެ ކަންބޮޑުވުންތައް އާއްމުންގެ ސަމާލުކަމަށް ގެންނަމުންދާ ޒުވާން މަސްވެރިޔާ ސާޖިން ވަނީ މަސް ނުކިރި މަސްވެރިން ކަންބޮޑުވެފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން ފެލިވަރަށް މަސް ނުކިރުވިގެން މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމާއި، އަދި މަސް ތާޒާކޮށް ބަހައްޓަން ބޭނުންވާ އައިސް ނުލިބިގެން މަސްވެރިން މާޔޫސްވެފައި ތިބި ކަމަށް ވަނީ ބުނެފައެވެ. އަދި އެކަން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ ސަމާލުކަމަށް ގެންނެވުމަށް އެކަމަނާ ޓެގް ކުރައްވައި ސާޖިން ކުރި ޓްވީޓުގައި ބުނެފައި ވަނީ، ބައެއް ދޯނިތަކުން 330 ޓަނު މަސް ބާނައި އެ ނުކިރިގެން އެއަށް އަޅަން ބޭނުންވާ 110 ޓަނުގެ އައިސް ހޯދަން މަސްވެރިން ދުއްވަމުންދާ ކަމަށެވެ.