އާޖެންޓީނާގެ ފުރަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޖިމްނާސިއާގެ ކޯޗުކަމާ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ހަވާލުވެއްޖެ އެވެ.

އުމުރުން 58 އަހަރުގެ މަރަޑޯނާ އާޖެންޓީނާ ލީގުގެ އެންމެ ފުލުގައި އޮތް ޖިމްނާސިއާގެ ކޯޗުކަމާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އެ ޓީމުގެ ކޯޗުކަމާއި މަރަޑޯނާ ހަވާލުވިއިރު، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ކޮނޑާއި ކަކުލުގެ އޮޕަރޭޝަންތަކެއް ކޮށްފައެވެ.

މަރަޑޯނާ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ މެކްސިކޯގެ ދެވަނަ ޑިވިޝަނުގެ ކްލަބު ޑޮރަޑޮސް ޑި ސިނަލޯއަށެވެ. އެކަމަކު ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން މި އަހަރުގެ ޖޫން މަހު އޭނާ ވަނީ މަގާމުން އިސްތިއުފާދީފައެވެ. އެ ޓީމު މެކްސިކޯ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދޭން އަމާޒުހިފި މަރަޑޯނާ އށް އެކަން ކާމިޔާބުނުވީ މިދިޔަ މަހު ކުރީކޮޅުގައި ކުޅުނު ޕްލޭއޮފް މެޗުން ބަލިވުމުންނެވެ.

އާޖެންޓީނާއަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ ޔޫއޭއީގެ އަލް ފުޖައިރާއިން މިދިޔަ އަހަރު އޭޕްރިލް މަހު ވަކިވީ ވެސް އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްނުދެވުމުންނެވެ.

މީގެ ކުރިން ޔޫއޭއީގެ އަލް ވަސްލްގެ އިތުރުން އާޖެންޓީނާގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދިން މަރަޑޯނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެއެވެ.