ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޓީމު ލިސްޓުގައި ހިމަނައިފިއެވެ.

ވީ ސްޕޯޓްސްއަށް ޔަގީންވެފައިވާ ގޮތުގައި ދަގަނޑޭ މިހާރު ވަނީ ޗައިނާ މެޗަށް ރާއްޖޭގެ ގައުމީ ޓީމު ކޭމްޕުކުރަމުންދާ ހޮޓެލް ޖެންގައި ޓީމާއި ގުޅިފައެވެ. ދަގަނޑޭގެ އިތުރުން އާއިލީ ސަބަބުތަކަށްޓަކައި ގުއާމް މެޗުގެ ސްކޮޑުން ބާކީ ކުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ވިސާގެ ސަބަބުން ގުއާމްގައި ކުޅޭ މެޗަށް ނުފުރުނު ހުސެއިން ނިހާން (ނިހާޓް) އަދި ކީޕަރު ހުސެއިން ޝަރީފް ވެސް ވަނީ ޓީމާއި ގުޅިފައެވެ.

މިއީ 2017 ވަނަ އަހަރަށްފަހު ދަގަނޑޭ ގައުމީ ޓީމާއި ގުޅުނު ފުރަތަމަ ފަހަރެވެ. ދަގަނޑޭއަށް ފުރުސަތު ގެއްލުނީ މިދިޔަ އަހަރުގެ ބޫޓާނާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވިކަމަށް ބުނެއެވެ. އެއަށްފަހު ގައުމީ ކޯޗު ވަނީ ދަގަނޑޭ ސްކޮޑުން އުނިކުރުމާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަދައްކާފައެވެ.

ގައުމީ ކޯޗު ޕީޓާ ސެގާޓް އެކިފަހަރު އެކި ގޮތްގޮތަށް ވާހަކަދައްކާތީ ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. ބައެއް ސަޕޯޓަރުންނާއި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ކޯޗުން އޭނާއަށް ރީނދޫ ކާޑެއް ދައްކާ ރަތް ކާޑެއް ދައްކާނެ ކަމުގެ އިންޒާރުވެސް ދީފި އެވެ. ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނީ ދަގަނޑޭ ނުލާ ގައުމީ ޓީމު މެޗަށް ނުކުތުމަކީ ދޮށި ނުލާ މަހަށް ފުރުން ފަދަ ކަމެއް ކަމަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗަށް ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަންނަ އަންގާރަ ދުވަހުގެ ހަވީރު މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 20:00 އެވެ. މި މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެކެވެ.