މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އެންމެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ކޮމިޝަނުން ނެރެފައިވާ ރިޕޯޓާ ގުޅިގެންނެވެ. އެގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދުފަހަނައަޅައިދިޔުމުގެ ނުރައްކާތެރި އަމަލުތައް ދިވެހިރާއްޖޭގައި ހިނގާކަމީ، އެބޭފުޅުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައި ވެއެވެ.

ޑިފެންސް މިނިސްޓަރާއި ސަލާމަތީ ބާރުގެ އިސްވެރިން މަރު ކޮމިޝަނުގެ ރައީސާ ބައްދަލުކުރައްވާފައިވާއިރު މަރު ކޮމިޝަނުން އާންމު ކުރި ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ބައިވަރު ކަންކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގައި އަލްގައިދާއަށް ވާގިވެރިވާ ދީނީ ހަރުކަށި ފިކުރުގެ މީހުން އެބަތިބި ކަމާއި ރިލްވާން މަރާލާފައިވަނީ އެމީހުން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އަދި މި މީހުންނަކީ ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބައެެއް ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް މިއަހަރުގެ އޭޕްރީލް މަހު ލަންކާއަށް ދިން ބޮމުގެ ހަމަލައާއި ގުޅިގެން އެފަދަ ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓުންގެ ބިރު ރާއްޖެއަށްވެސް އޮތް ކަމަށް ބުނެ ވާހަތަކެއް ފެތުރުމުން ސަލާމަތީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި އެފަދަ ބަޔަކު ނެތް ކަމަށާއި އެފަދަ ބިރެއް ނެތް ކަމަށް ވަނީ ބުނެފައެވެ.