ވީމީޑީއާއަށް ގެންނަނީ ބައިނަލްއަގުވާމީ މީޑިއާތަކާ އެއްގޮތް އެންމެ ފަހުގެ ޒަމާނީ ބަދަލެއް ކަމަށް ވީމީޑިއާގެ ކޮންސަލްޓެންޓް މުހައްމަދު ރަޒީން ވިދާޅުވެއްޖެއެވެ.

ވީމީޑިއާ ހިންގާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީން ވީމީޑިއާ ރީސްޓްރަކްޗާކޮށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން ވީޓީވީގެ ޚަބަރަށް ދެއްވި އިންޓަވިއުއެއްގައި ރަޒީން ވިދާޅުވީ މީޑިއާތައް ފެށިގެން އައި އިރާއި މިހާރާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ހިންގުމުގެ ނިޒާމާއި މަސައްކަތް ކުރާ ގޮތާއި މަސައްކަތުގައި ގެންގުޅޭ އާލާތްތަކަކީވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަންކަން ކަން ރަޒީން ފާހަގަކުރެއްވިއެވެ.

ފެށިގެން އައިއިރު ބެލުންތެރިންނާއި އެހުންތެރިންވެސް ޓީވީ ބެލުމަށް ގޭގޭ ސޯފާތައް ޚިޔާރުކުރި ނަމަވެސް މިހާރު އެކަން ވަރަށް ބޮޑަށް ތަފާތުވެ ބަދަލުވެފައިވާކަން ފާހަގަކުރައްވައި ރަޒީން ވިދާޅުވީ ޒަމާނަށް އައި ބަދަލާއެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެ، ހުރިހާ ކަމެއްވެސް މިހާރު ވަނީ އިނގިލިކުރިއާ ހަމައަށް އައިސްފައި ކަމަށެވެ. އެގޮތުން ގިނަ މީހުން ޓީވީ ބެލުމުގައިވެސް މިހާރު ޚިޔާރުކުރަނީ އޮންލައިން ސްޓްރީމިން ކަމަށާއި މިހާރުވެސް އޮންލައިން އެޕް މެދުވެރިކޮށް ވީޓީވީ ބަލައި އަދި ވީއެފްއެމް އަޑުއަހާ މީހުން ކޭބަލް މެދުވެރިކޮށް ބަލާ މީހުންނާ އަޅާބަލާއިރު މާގިނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ސިޓިންރޫމުގައި ޓީވީ ހުޅުވައިގެން ތިބުމުގެ އާދަ އެއްކޮށް އޮންލައިން ސްޓްރީމިންއަށް ބަދަލުވެގެންދާނެ ކަމީ ފާއިތުވެގެންދިޔަ ތަނުގައި އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ޔަގީންވާކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އެހެންކަމުން ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އެކު ބެލުންތެރިން ބޭނުންވާ ގޮތަށް ކަންކަން ކުރުމާއި، ވީމީޑިއާ އަކީ ޕްރައިވެޓް ސްޓޭޝަނަކަށް ވާއިރު ކޮމާޝަލް ބްރޯޑްކާސްޓިންގ އަށް އަމާޒުކޮށްގެން ތަން ހިންގުމަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން އެހެން ނުކޮށްފިނަމަ ޒަމާނަށް އައި ބަދަލާއެކު ކޮޑެކް ފަދަ ކުންފުނިތައް އުވިގެންދިޔަ ފަދައިން ވީމީޑިއާވެސް އުވިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ.