ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ 2020 ވަނަ އަހަރުގެ ކޮލިފިކޭޝަނުގައި ޔޫރަޕުގެ ގަދަ ބާރުތައް ކަމަށްވާ އިންގްލޭންޑާއި ފްރާންސް އަދި ޕޯޗުގަލް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް ހިމެނޭ ގްރޫޕް އެޗްގެ މެޗު އެ ޓީމު ކާމިޔާބުކުރީ އަލްބޭނިއާ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފްރާންސްގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ޕޮގްބާ އާއި އެމްބާޕޭ ފަދަ ކުޅުންތެރިން ނެތް ނަމަވެސް އެ ޓީމުން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގައި ފުރަތަމަ ގޯލުޖެހީ ފްރާންސް އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފޯވަޑް ކިންގްސްލީ ކޯމަން އެވެ. ދެވަނަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވަޑް އޮލިވިއާ ޖިރޫޑް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކޯމަން ވަނީ އޭނާގެ ދެވަނަ ގޯލު މި މެޗުގައި ޖަހާފަ އެވެ. އެއަށްފަހު ގްރީޒްމަންއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޕެނަލްޓީ ދިޔައީ ބޭކާރުވެގެންނެވެ. ފްރާންސްގެ ހަތަރުވަނަ ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޮނަތަން އެވެ.

އަލްބޭނިއާގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ސޮކޮލް އެވެ. މި މޮޅާއެކު ފްރާންސް ގްރޫޕް އެޗްގެ އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު ބާރަ ޕޮއިންޓާއެކު އެވެ.