އަންނަ އަހަރުގެ ކުރީކޮޅު މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަަށް މައުލޫމާތު ދިނުމަށް ސަރުކާރުގެ ވުޒާރާތަކުން ބާއްވަމުންގެންދާ "ނުވަގަޑި މީޑިޔާ" މިހަރަކާތުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މިނީ ބަހުގެ މަސައްކަތް އެމްޓިީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށެވެ. މި ޚިދުމަތް ދޭން މިހާރުވެސް ލަސްވެއްޖެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިހިދުމަތް ފެށުން ލަސްވީ ސަބަބުތަކެއްވެސް ހުރެގެން ކަމަށެވެ. އެގޮތުން މާލޭގައި ބޭނުން ކުރުމަށް ގެންނަށް މިނިސްޓްރީން ބޭނުންވަނީ ތިމާވެއްޓާ ރައްޓެހި، އާއްމުކޮށް މާކެޓުގައި ހުންނަ ބަސްތަކަށްވުރެ ސައިޒުން ކުދި ބަސްތައް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން އެކަން ކުރަންޖެހެނީ އެކަން ކުރެވޭނެ ބަޔަކު ހޯދުމަށްފަހު، އެބަޔަކަށް ބަސް ތައްޔާރު ކުރުމަށް ހަވާލުކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ބިޑް އުސޫލުން ހުޅުވާލައިގެން ކުރިއަށް ގެންދާ އެމަރުހަލާގައި، ބިޑު ކާމިޔާބު ކުރާ ބަޔަކު ވަރަށް އަވަހަށް އެމްޓީސީސީން މިނިސްޓްރީއަށް އަންގާނެ ކަމަށާއި އޭރުން މިނިސްޓްރީގެ އިތުރަށް ރައީސް އޮފީހާ ގުޅިގެން އެމަަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ބަސް މެނުފެކްޗާ ކުރުމަށް ހަވާލު ކުރާތާ 90 ދުވަސް ތެރޭގައި ބަސްތައް މިކޮޅަށް ގެނެޥޭނެ ކަމަށް މިއުންމީދު ކުރަނީ. އޭގެ މާނައެއް ނޫން 90 ދުވަސް ތެރޭ އެހިދުމަތް ދެވެން ފެށޭނޭ. އެކަމަކު އިންޝާﷲ އަންނަ އަހަރުގެ ކުރީކޮޅު އެހިދުމަތް ދެވެން ފެށޭނެ." މިނިސްޓަރ ވިދާޅުވި އެވެ.

ބަހުގެ ހިދުމަތް ދޭން ފަށާއިރު ވަކި އަދަދަކަށް ބަސް ގެނެސްގެން އެކަން ކުރާ ކަހަލަ ހިޔާލެއް ނެތްކަން ފާހަގަ ކުރައްވާ މިނިސްޓަރ ނަހުލާ ވިދާޅުވީ މިނިސްޓްރީގެ މާލީ ގާބިލުކަން ހުރި މިންވަރަކުން ބަސްތަކުގެ އަދަދު އިތުރު ކުރާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބޭނުމަކީ ވަކި އަދަދަކަށް ބަސް ގެނައުމުގެ ބަދަލުގައި ވީހާވެސް ގިނަ ބަސް ގެނެސްގެން މާލޭގައި ފަސޭހަ ކަމާއެކު އެހިދުމަތް ދިނުން ކަމަށެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ބަސްތައްވެސް ހިދުމަތުގެ ތެރޭގައި ބޭނުން ކުރާނެ ކަަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.