މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި އަންނަ އަހަރު އެއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.

ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް މުވައްޒަފުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުގައި މިހާރު އަމަލުކުރަމުންދާ މުސާރައިގެ އޮނިގަނޑުތަކާ ގުޅޭގޮތުން އެ ކޮ މިޝަނުން ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މުސާރައިގެ އައު އޮނިގަނޑު އެކުލަވާލާއިރު ދައުލަތުގައި ހިމެނޭ ކަމަށް ފާހަގަކުރެވިފައިވާ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށްފަހު، އެއިން ކޮންމެ ފަންނެއްގެ މުސާރަތައް ހިމެނޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނެ އެވެ.

މިއިން ކޮންމެ ފަންނެއްގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތަކާ ބެހޭ ގޮތުން ވަކިންވަކިން މުވައްޒަފުންނާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނޭ،،

ދައުލަތުގެ އިދާރާތަކުން މިހާރު އަމަލުކުރަމުން އަންނަ ފަންނުތަކުގެ އޮނިގަނޑުތަކުގެ މައުލޫމާތު، މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޕޭ ކޮމިޝަނަށް ފޮނުވުމަށް ވެސް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގާފަ އެވެ.

މުސާރައިގެ އައު އޮނިގަނޑުގެ އިތުރުން، ދައުލަތުގެ މުވައްޒަފުންނަށް މިހާރު ދެމުންދާ އެލަވަންސްތައް އެއްހަމަކުރުމުގެ ގޮތުން، ދައުލަތުގެ މުވައްޒަފުންނަށް ދެވޭނެ އެލަވަންސްތަކާއި އެ އެލަވަންސްތަކުގެ ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޕޭ ކޮމިޝަނުން ބުނެ އެވެ.

މި އެލަވަންސްތަކުގެ ތަފްސީލްވެސް މުސާރައިގެ އޮނިގަނޑާއެކު އާންމުކުރާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެ އެވެ.

ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މުސާރައިގެ ކުރިއެރުން ދިނުމާއި، ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި، ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެކެވެ.