ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމުން ބުނީ ޓިކެޓް ވިއްކަން ފަށާނީ މިއަދު ހަވީރު 4:30 ގައި ގައުމީ ފުޓްބޯޅަ ދަނޑުން ކަމަށެވެ. މިއަދު ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށް ޓިކެޓް ވިއްކާއިރު، މިރޭ ޓިކެޓް ވިއްކާނީ 8:00 އިން 11:00 އަށެވެ. މާދަމާވެސް ޓިކެޓް ވިއްކާނީ މި ގަޑިތަކުގައެވެ. އަދި މެޗު އޮއންނަ ދުވަސް ކަމަށްވާ އަންގާރަ ދުވަހު ޓިކެޓް ވިއްކާނީ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގެ ސިޑިބަރިތައް ބަންދުކޮށްފައިވާތީ މިފަހަރު ވިއްކަން ހަމަޖެހިފައިވަނީ 3500 ޓިކެޓެވެ. މީގެ ތެރެއިން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2090 ޓިކެޓެވެ. މިފަހަރު ދަނޑުގެ ޖާގަ މަދުވުމުން ޓިކެޓްގެ އަގު ވަނީ ބޮޑު ކޮށްފައެވެ. އެގޮތުން ސިޑި ބަރީގެ ޓިކެޓް 100ރ. އަށް ވިއްކާއިރު، ގޮނޑި ބަރީގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 150ރ. އަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ދެ ސިޑިބަރިއެއް ބަންދުކުރަން ޔޫތު މިނިސްޓްރީން އަންގާފައިވަނީ ޕްލޭނިން މިިނިސްޓްރީން ނެރުނު ރިޕޯޓަކަށް ރިއާޔަތް ކޮށެވެ. އެ ރިޕޯޓުގައިވާ ގޮތުން ދަނޑުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގެ ސިޑިބަރިތައް ގުޅިފައިވާ އިމާރާތްތަކުގެ ތަނބުތަކާ ބެރިތައް އަދި ޝީޓުގައި ރެނދުލާފައި ހުރުމުގެ ސަބަބުން އެސިޑިބަރިތައް ބޭނުން ނުކުރަން ޔޫތު މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ފަރިތަކުރުންތައް މިރޭ ފަށާއިރު، ޓީމަށް މިފަހަރު ދަގަނޑޭ ވަނީ ނަގާފައެވެ. ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރަށުންބޭރުގައި ރާއްޖެ ވަނީ ގުއާމް އަތުން 1-0 އިން މޮޅުވެފައެވެ. އަންނަ އަންގާރަ ދުވަހު ރާއްޖޭގައި ކުޅެ މެޗު ފަށާނީ އެރޭ 8:00 ގައެވެ.