ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ގިނަ ދަތިތަކާއި ކުރިމަތިވާކަމަށް ރާއްޖޭގެ ފައިނޭންޝަލް ކޮންޓްރޯލާ ފާތިމަތު ރަޒީނާ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގެ މާލީ މުއާމަލާތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތައްޔަރުކުރާ ވިޔަ މޮޑިއުލް އަށް ކައުންސިލުތައް ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަޒީނާ ވިދާޅުވީ ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އެތައް ދަތިތަކަކާއި އުނދަގޫތަކަކާއި ދިމާވާކަމަށެވެ.

ރަޒީނާ ވިދަޅުވީ ދިވެހިރާއްޖޭގައި މާލީ މިނިވަންކަން ލިބިފައި ނެތްކަމަށެވެ. މާލީ މިނިވަންކަން ލިބުނުނަމަވެސް، ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދިފައި ނުވާކަމަށެވެ. އެހެންނަމަވެސް ވިޔަ ޕޯޓަލް ގާއިމްވެގެން ދިޔުމުން މިނިސްޓްރީ އޮފް ފިނޭންސްގެ މަސައްކަތަށާއި އަދި ދިވެހި ދައުލަތުގެ ފައިސާގެ ހިސާބުތައް ބަލަހައްޓާ އެހެން ހުރިހާ އޮފީސްތަކެއްގެ ރިކޯޑުތައް، ރިޕޯޓުކުރާނެ އިންތިޒާމްތަކެއް ހަމަޖެހޭނެކަމަށެވެ. ފޮތްތަކުގައި މިހާރު ލިޔާ ހުރިހާ މައުލޫމާތުތައް ވިޔަ ޕޯޓަލްގެ އެކިއެކި މޮޑިއުލްތަކުގެ ތެރޭގައި ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރަޒީނާ ވިދާޅުވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފައިސާގެ ނިޒާމު ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަކީ މާލިއްޔަތު ގާނޫނުންވެސް ލާޒިމްކުރާކަމެއް ކަމަށެވެ.

"މަދު މުވައްޒަފުންތަކެއް މަސައްކަތް ކުރަމުންދާއިރު، އެމުވައްޒަފުންނަަށްވެސް އެކަށީގެންވާ މާހައުލެއްގައި މަސައްކަތް ކުރުވުމަކީ ފައިސާއާއި ބެހޭ ހައިސިއްޔަތުން މަސައްކަތްކުރާ އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމުކަމެއްހެން. މިސާލަކަށް ފައިސާގެ މަސައްކަތް ކުރާއިރު، މި ޖެހޭ މައްސަލަތައް، ނޫނިއްޔާމު ނޭންގިނަވަމެސް އޮޅުމަކުންނަމަވެސް، ގައިވަދު ރަނގަޅަށް ނޭންގެނީސް މަސައްކަތްކުރުމުގެ ސަބަބުން ޖެހޭ މިސްޓޭކްތައް ކުޑަކުރުމުގެ ފުރުސަތު ލިބިގެންދޭ. އެއީ އޮޓޮމޭޓިކް ސިސްޓަމްއެއްގަ މަސައްކަތް ކުރީމަ ސިސްޓަމްގެ ތެރެއިން އެހުރިހާ މައުލޫމާތުތަކެއް މިހުންނަނީ އެއް ޕްރޮސެސްތަކެއް ޑިޒައިން ކުރެވިފަ" ރަޒީނާ ވިދާޅުވިއެވެ.

ވިޔަ މިޕްރޮގްރާމުގައި ވިޔަ ޕޯޓަލް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދިނުމާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ވިޔަ ބޭނުންކޮށްގެން ބަޖެޓުކުރުމާއި، ބަޖެޓް ރިޕޯޓު ހެދުމާއި، ބިލު ބެލެހެއްޓުމާއި، ޕެޓީ ކޭޝް ބެލެހެއްޓުމާއި، އޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެއްތަނަކުން އޮންލައިންކޮށް ކުރެވޭނެ ކަމަށް އެލްޖީއޭއިން ބުނެއެވެ. މި ޕްރޮގްރާމުގައި ކޮންމެ ކައުންސިލަކުންވެސް ދެ މުވައްޒިފަކު ވަނީ ބައިވެރިވެފައެވެ.

އެލްޖީއޭއިން މަސައްކަތް ކުރަމުން ދަނީ ނޮވެމްބަރު މަހުގެ 30ގެ ކުރިން އެ ޕްލެޓްފޯމް ބޭނުންކުރަން ފެށުމަށްކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.