ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޗައިނާއިން އަޅާދީފައިވާ ފްލެޓުތަކާއި ގުޅޭގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު ޒަންގ ލިޒޯންގ ރައްދު ދެއްވައިފިއެވެ.

ޗައިނާއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކާއި އޭގެ އަގުތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. މި ފްލެޓުތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ފްލެޓުތައް އަޅާފައިވަނީ ހަމަ އެގޮތަށް އެހެން ފަރާތްތަކުން އަޅާފައިވާ ފްލެޓުތަކަށްވުރެ ދެގުނަ އަގުބޮޑުކޮށް ކަމަށެވެ.

އެގޮތުން މާލޭގައި އަޅާފައިވާ އެހެން ފްލެޓުތައް އެހެނިހެން ކުންފުނިތަކުން އަޅާފައި ވަނީ އަކަފޫޓެއް 1200 ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް ޗައިނާއިން އެ ފްލެޓު އަޅާފައި ވަނީ ފިނިޝިންއާ ނުލާ އަކަފޫޓެއް 1900 ރުފިޔާއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ސަބަބުން ފްލެޓު ގަނެވޭ ވަރަށް އަގު ތިރިކުރުމަށް ސަރުކާރުން ސަބްސިޑައިޒް ކުރަން ޖެހޭ ކަމަށް ނަޝީދުގެ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަތައް ދޮގުކުރައްވައި ޗައިނާ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓެއް އަޅަން އަކަފޫޓަކަށް ހަރަދުވެފައި ވަނީ 1450 ރުފިޔާ ކަމަށެވެ. އަދި އެއިން ކޮންމެ ފްލެޓެއްގައި 720 އަކަފޫޓު ހުންނާނެ ކަމަށެވެ. ކޮންމެ ފްލެޓެއް އެޅުމަށް ހަރަދުވެފައިވަނީ 62،000 ޑޮލަރު ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ފްލެޓެއް އަޅަން އަކަފޫޓަކަށް ހަރަދުވީ 1450 ރުފިޔާ ކަމަށާއި ފިނިޝިންއާ ނުލާ އަކަފޫޓަކަށް 1320 ރުފިޔާ ހަރަދުވި ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫތައް މިދިޔަ ސަރުކަރުން ޗައިނާއާއި ހަވާލުކޮށް ކޮށްފައިވާއިރު ޗައިނާއިން ކޮށްފައިވާ މަސައްކަތްތަކަށް ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންނާއި ފަހުންވެސް ބޮޑެތި ފާޑުކިޔުންތަކެއް ޗައިނާ ސަރުކާރަށް އަމާޒުކޮށްފައިވާއިރު އެ ގައުމަކީ ކައިރި ގައުމުތަކުގެ ބިން ފޭރޭ ގައުމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި ފާޑުކިޔުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދާއި ބައްދަލުކުރައްވައި މިކަންކަން ހައްލުކުރުމަށް ޗައިނާ ސަފީރު ދެފަހަރެއްގައި މަސައްކަތް ކުރައްވާފައިވެއެވެ. އެހެންނަމަވެސް ޗައިނާއިން ހިންގާފައިވާ މަޝްރޫތަކަށް ސަރުކާރުން ދައްކަން ޖެހޭ އިތުރު ފައިސާ ދައްކަން ނުޖެހޭގޮތް ވުމުން ނޫނީ ޗައިނާގެ ވާހަކަ ދެއްކެވުން ހުއްޓާނުލައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.