ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު އެންމެ ފުރަތަމަ ތާވަލްކުރީ ހެނދުނު 10:00 އަށެވެ. އެކަމަކު ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްފައި ވަނީ މެންދުރުފަހު 2:00 ގައެވެ.

241 ކޮމިޓީއަށް ރިޔާސީ ކޮމިޝަނުގެ މެންބަރުން ހާޒިރުކޮށްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލައި މަރާލި މައްސަލަ ތަހުގީގު ކުރުމަށްފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. މި ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރީ ކޮމިޓީގައި ނެގި ވޯޓުން ސިއްރު ކުރަން މެމްބަރުން ނިންމުމުންނެވެ.

މި މައްސަލާގައި ކޮމިޝަނުގެ މެމްބަރުން ހާޒިރުކޮށްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ހަމަ މި މައްސަލާގައި ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ވެސް އެ ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.އެ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، ޗުއްޓީގައިވެސް ރިލްވާނުގެ މައްސަލާގައި 241 ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ނިންމައި، އެގޮތުގެ މަތިން ދަނީ ކޮމިޓީ ބާއްވަމުންނެވެ.