ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ ސްކޮޑުގައި ހިމެނުނު، ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ޗައިނާ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ޗައިނާގެ މީޑިއާތަކުން ވަނީ ގުއާމް މެޗުގައި ދަގަނޑޭ ނުހިމެނި ޗައިނާ މެޗުގައި އޭނާ ހިމެނުނީ މެޗުގެ ސީރިއަސްކަމަށް ބަލައިގެން ރާއްޖޭގެ ކޯޗު ނިންމި ނިންމުމެއް ކަމަށް ފާހަގަކޮށްފައެވެ. އަދި ގައުމީ ޓީމާއި މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ޗައިނާ މެޗުގައި ދަގަނޑޭ ބޭނުންކުރުމަކީ މެޗަށް ރާއްޖެއިން ސީރިއަސް ވެފައިވާ މިންވަރު ހާމަވާ ކަމެއްކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ޗައިނާ މީޑިއާތަކުން ވަނީ ދަގަނޑޭއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ދެކުނު އޭޝިއާގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ކުލަބް ލެވެލް އަދި ބައިނަލްއަޤްވާމީ ގޮތުން ހޯދާފައިވާ ކާމިޔާބީތައް ޗައިނާއިން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގައި ދަގަނޑޭ ގެ ކުޅުން ޗައިނާގެ ޓީމުން ވަރަށް ގާތުން ބަލާފައިވާ ކަމަށާއި ޗައިނާ ޓީމުން ތިބީ ސްކޮޑުގައި އޭރު ނެތްނަމަވެސް ދަގަނޑޭ ޓީމުގައި ކުޅޭނެކަމަށް ބަލައިގެން އެކަމަށް ތައްޔާރުވެގެން ކަމަށްވެސް ޗައިނާގެ ނޫސްތަކުގައި ވެއެވެ.

އަދި ދަގަނޑޭއަކީ އަދިވެސް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ކޮންމެ ވަގުތެއްގައިވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރެވޭ ފެންވަރު ހުރި ކުޅުންތެރިއެއްގެ ގޮތުގައި ޗައިނާގެ މީޑިއާތަކުން ފާހަގަކުރެއެވެ.

މިއީ މިހާތަނަށް ރާއްޖެއާއި ދެކޮޅަށް ކުޅެން އަންނަ ޗައިނާގެ އެންމެ ވަރުގަދަ ޓީމެވެ. އަދި ގަލޮޅު ދަނޑުގައި މިހާތަނަށް ރާއްޖެއާއި ދެކޮޅަށް ކުޅެން އަންނަ އެންމެ ވަރުގަދަ ޓީމެވެ. އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީގެ ކޯޗުކަމުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އަންނަ ޗައިނާ ޓީމުގައި ސްޕެނިޝް ލީގުގެ އެސްޕަންޔޯލުގެ ފޯވާޑް ވޫ ލެއީ ހިމެނެ އެވެ. އަދި ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވެ އެ ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަން ވެސް ސްކޮޑުގައި ހިމެނެއެވެ. މިއީ އޭނާ ޗައިނާއަށް ކުޅެދޭ ފުރަތަމަ މެޗެވެ.

މެޗަށް ޖުމްލަ ތިން ހާހެއްހާ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާއިރު އޭގެތެރެއިން ޗައިނާއަށް ދިނުމަށް ހަމަޖެހިފައިވާ ހާހެއްހާ ޓިކެޓު އެގައުމުން ވަނީ ގަނެފައެވެ. ޗައިނާގެ ރިޕޯޓުތައް ބުނާގޮތުން އެ ގައުމުގެ ބައެއް ސަޕޯޓަރުން މި މެޗަށް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ އަދަދެއްގެ ޗައިނާ ނޫސްވެރިންވެސް މި މެޗަށް އަންނާނެއެވެ.

މިއީ 2017 ވަނަ އަހަރަށްފަހު ދަގަނޑޭ ގައުމީ ޓީމާއި ގުޅުނު ފުރަތަމަ ފަހަރެވެ. ދަގަނޑޭއަށް ފުރުސަތު ގެއްލުނީ މިދިޔަ އަހަރުގެ ބޫޓާނާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވިކަމަށް ބުނެއެވެ. އެއަށްފަހު ގައުމީ ކޯޗު ވަނީ ދަގަނޑޭ ސްކޮޑުން އުނިކުރުމާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަދައްކާފައެވެ.

ނަމަވެސް މިއީ އަދިވެސް ދަގަނޑޭގެ ނުފޫޒު ބޭރު ގައުމުތަކުގައި އޮތްކަމުގެ ހެއްކެކެވެ. އަދިވެސް ދަގަނޑޭއަށް ޓީމުތަކުން ޖެހިލުންވާކަން ހާމަވާ ކަމެކެވެ. ދިވެހި ސަޕޯޓަރުންގެ އެންމެ ބޮޑު އުއްމީދަކީ މެޗުގެ ފުރަތަމަ އެގާރައިން ދަގަނޑޭ ފެނިގެންދިއުމެވެ. ނުވަތަ މެޗުގެ ވަކި ހިސާބަކުން ދަގަނޑޭ ފެނިގެންދިއުމެވެ.