ދިވެހި ގައުމީ ފުޓްބޯޅަ ޓީމުން ބޭނުން ކުރަމުން އައި ޖޯމާ ބްރޭންޑް ހަތަރު އަހަރު ފަހުން ދޫކޮށްލުމަށްފަހު ސްޕޭންގެ ކެލްމޭ ބްރޭންޑަށް ރޭ ބަދަލުކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ރޭ ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގައި ގައުމީ ޓީމުން ބޭނުން ކޮށްފައިވަނީ ކެލްމޭގެ އުފެއްދުންތަކެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ޖޯމާ ބްރޭންޑް ބޭނުންކުރަން ފެށީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ގައުމީ ޓީމުން ސްޕޭންގެ ޖޯމާ ބްރޭންޑް ބޭނުން ކުރަން ފެށިފަހުން އެއްވެސް މެޗެއްގައި ޖޯމާ ނޫން ބްރޭންޑެއް އެޓީމުން ބޭނުންކޮށްފައި ނުވެ އެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކެލްމޭ ބޭނުންކުރަން ފެށީ ޖޯމާ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއި ގުޅިގެން ކަމަށާއި ދިގު މުއްދަތަކަށް ޖޯމާ ބޭނުންކުރީ އެ ޖާޒީ ރަނގަޅުވުމުން ކަމަށެވެ. އަދި ކެލްމޭ އަކީވެސް މޮޅު ބްރޭންޑެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ ޓީމުން ބޭނުންކުރާނީ ކެލްމޭ ބްރޭންޑުގެ ކިޓު ކަމަށެވެ.

އަދި ގައުމީ ޓީމު ކިޓުގެ ސްޕޮންސަރަކަށް ވުމަށް އަލުން ހުޅުވާލި ފުރުސަތުގައި ކެލްމޭ އިން ހުށަހެޅީ ރަނގަޅު ހުށައެޅުމެއް ކަމަށާއި ބްރޭންޑް ބަދަލުވިކަމުގައިވީ ނަމަވެސް ގައުމީ ޓީމުން އަލަށް ފަރުމާކުރި ޖާޒީއާއި ތަފާތެއް ނުހުންނާނެ ކަމަށްވެސް ބައްސާމު ވިދާޅުވި އެވެ. އަދި ހޯމް އެންޑް އަވޭ ޖާޒީވެސް ހުންނާނީ ހަމަ ކުރީގެ ފަރުމާއަށް ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

ކެލްމޭ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ދެމެދު ވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޖޫނިއާ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ އިތުރުން ސީނިއާ އަންހެން އަދި ފިރިހެން ގައުމީ ޓީމުން ބޭނުންކުރާނީ ކެލްމޭ ބްރޭންޑެވެ.

ކެލްމޭ އަކީ 1963 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ހުރިހާ ސާމާނެއް އުފައްދަމުން އަންނަ ސްޕެއިންގެ ކުންފުންޏެކެވެ. އަދި ޖޯމާ އަކީވެސް ސްޕެއިންއަށް ނިސްބަތްވާ ކުންފުންޏެކެވެ.