މަޝްހޫރު ޓީވީ ޗެނަލް ސީއެންއެން އިން ހޮވި، އިންސްޓަގްރާމް ކުރަން އެންމެ ހިތްގައިމު އަދި މަގްބޫލު ހޮޓާ، ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ސޮނެވާ ޖާނީ ހިމެނިއްޖެ އެެވެ.

ރާއްޖޭގެ އިތުރުން ފަރާންސްގެ ތިން ތަނެއް މި ލިސްޓްގައި ހިމެނެ އެވެ. އަދި އޮސްޓްރޭލިއާ، ކެންބޯޑިއާ، ތައިލޭންޑް، އިންޑޮނޭޝިއާ، ބޫޓާން، ކެނެޑާ އަދި މަޑަގަސްކަރައިގެ ބައެއް ތަންތަން ވަނީ މި ލިސްޓުގައި ހިމެނިފަ އެވެ.

މިލިސްޓުގައި ރާއްޖޭގެ ރިސޯޓަކަށް ހިމެނިފައިވަނީ ހަމައެކަނި ސޮނެވާ ޖާނީ އެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނައިން އިންސްޓަގްރާމްކުރާ ނުވަތަ އިންސްޓަގްރާމްގައި އެންމެ ހިނގާ ހޮޓަލަކަށް މީގެކުރިންވެސް ރާއްޖޭގެ ރިސޯޓްތައް ވަނީ ހޮވިފަ އެވެ. އަދި އިންސްޓަގްރާމް ކުރުމަށް އެންމެ މަގުބޫލް ގައުމުތަކުގެ ލިސްޓުގެ ގަދަ ދިހައެއްގައިވެސް ރާއްޖެ މީގެކުރިން ވަނީ ހިމެނިފަ އެވެ.

ނ. އަތޮޅު މެދުފަރުގައި ތަރައްގީކޮށްފައިވާ ސޮނެވާ ޖާނީގައި ޖުމްލަ 57 ވިލާ ހުރެ އެވެ. މީގެތެރޭގައި 24 އޯވާވޯޓާ ވިލާ ހިމެނެ އެވެ. ފަސް ތަރީގެ މި ރިސޯޓަކީ އެއާޕޯޓުން ފުރައިގެން 30 މިނެޓުން ސީޕްލޭނެއްގައި ދެވޭ ރިސޯޓެކެވެ.

ސޮނެވާ ގުރޫޕުން ރާއްޖޭގައި ސޮނެވާ ފުށި އަދި ސޮނެވާ ގިރީގެ ނަމުގައިވެސް ރިސޯޓެއް ހިންގަ އެވެ.