އާދަޔާއި ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ފަރަންސޭސިވިލާތުގައި މަރުވި މީހުންގެ އަދަދު 1،435 އަށް އަރައިފިއެވެ. ފަރަންސޭސި ވިލާތުގެ ސަރަހައްދުތަކަށް "ހީޓް ވޭވް" އެއް ނުވަތަ ހޫނު ގަދަވުމުގެ ދެ ތޫފާނެއް އައިސްފައިމިވަނީ ޖޫން 24 އިން ޖުލައި 7 އަށް އަދި ޖުލައި 21 އިން 27 އާއި ދެމެދުގެ ދުވަސްތަކުގައެވެ.

ފަރަންސޭސިވިލާތުގެ ޞިއްހަތާބެހޭ ވުޒާރާއިން ބުނީ، މި އަހަރުގެ ހޫނު މޫސުމުގައި ހޫނު ގަދަވެ، އެހެން އަހަރުތަކާއި އަޅާބަލާއިރު، މީހުން މަރުވި އަދަދު 9.1 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މި އަހަރުގެ ހޫނު މޫސުމުގައި ފަރަންސޭސިވިލާތުގެ އިތުރުން ވިލާތުގެ އެހެން ޤައުމުތަކުގައިވެސް ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވެއެވެ.

ފަރަންސޭސިވިލާތަށް ބަލައިލާއިރު، ރެކޯޑް އަދަދެއް ކަމަށްވާ 45.9 ޑިގްރީ ސެލްސިއެސްއަށް ހޫނުމިންވަނީ މައްޗަށް ގޮސްފައެވެ. މޫސުމީ ކަންތައްތަކާއި ބެހޭ މާހިރުން ބުނީ، ހޫނުމިން މިފަދަ މިންވަރަކަށް މައްޗަށް ގޮސްފައިވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު އިތުރުވެފައިވާތީ ކަމަށް ޤަބޫލް ކުރެވޭ ކަމަށެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ހޫނުމޫސުމުގައި އާދަޔާއި ޚިލާފަށް ހޫނިގަދަވާނެ ކަމަށް ޤަބޫލްކުރެވޭ ކަމަށެވެ.

ވިލާތުގެ ޤައުމުތަކަށް ބަލައިލާއިރު، ގިނަ ސަރަހައްދުތަކަކީ ގަދަ ހޫނުން ސަލާމަތްވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ، އަދި އިންތިޒާމްތައް ހަމަޖައްސާފައިވާ ސަރަހައްދުތަކެއް ނޫނެވެ. ވިލާތުގެ ގިނަ ޤައުމުތަކުގައި އެއާކޮންޑިޝަން ހަރުކޮށްފައިވާ ގޭގެ އަދަދުވެސް 5 އިންސައްތައަށްވުރެ މަދެވެ. މީގެއިތުރުން، ގަދަ ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ފަރަންސޭސިވިލާތުގެ ޞިއްހަތާއިބެހޭ ވުޒާރާއިން ބުނީ، މި އަހަރުގެ ހޫނު މޫސުމުގައި ހޫނުގަދަވުމުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން 974 މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުންނެވެ. މަރުވި މީހުންގެ ތެރެއިން 10 މީހަކު މަރުވީ އޮފީހުން ބޭޭރުގައި މަގުމަތީގައި ވަޒީފާ އަދާކުރުން ނުވަތަ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށެވެ.