ކޮންމެ އަހަރެއްގެވެސް ހައްޖު މޫސުން ނިމި ހައްޖުވެރިން މާލެ އަންނަ ދުވަސްވަރަކީ އެކިކަހަލަ ބަލިތައް ފެތުރޭ ދުވަސްވަރެއް ކަމަށްވާތީވެ ހައްޖުވެރިންނަށް ފަސޭހަ ކަމާއެކު ޑޮކްޓަރަށް ދެއްކުމަށް ހުޅުވި ހައްޖު އޯޕީޑީން 612 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

ހައްޖުވެރިން މާލެ އަންނަ ދުވަސްވަރަކީ އެކިކަހަލަ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވާތީވެ ފަސޭހައިން ޑޮކްޓަރަށް ދެއްކުމަށް ހައްޖު އޯޕީޑީގެ ނަމުގައި އައިޖީއެމްއެޗްގައި ވަނީ ހާއްސަ ކްލިނިކް އެއް ހުޅުވާފައެވެ.

މިއަހަރު ހައްޖާޖީންގެ ދަތުރުތައް ނިމުމާއިއެކު އައިޖީއެމްއެޗްގައި ހުޅުވި ހައްޖު އޯ.ޕީ.ޑީ އިއްޔެ ބަންދުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ. ހައްޖު އޯޕީޑީން އޮގަސްޓް 5 އިން 19 އަށް 612 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އަންނަ ހައްޖުވެރިންނަށް ހާއްސަކޮށްގެން މީގެކުރިން ވެސް އައިޖީއެމް ހޮސްޕިޓަލުން ހައްޖު ކްލިނިކް ހުޅުވައެވެ.

ިމިއަހަރުގެ ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިން ރާއްޖެއަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިފަހަރު ހަތަރު ޖަމާއަތަކުން ގާތްގަނޑަކަށް 2،000 އެއްހާ މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.