އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުއާ އެކު ވެމްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ވެމްކޯގެ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވެމްކޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުގެ ފަރާތުން ސޮއިކުރެއްވީ ކާނަލް އަބްދުﷲ އިބްރާހީމްއެވެ.

ވެމްކޯއިން ބުނީ މިއެއްބަސްވުމުގެ ދަށުން ދެމުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހިކޮށް މައުލޫމާތު ހިއްސާކުރުމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއިގުޅޭ ހަރަކާތްތައް ހިންގޭނެ ކަމަށެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ ތަމްރީނު ވެމްކޯގެ ހިދުމަތްދޭ މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށީގެ އިތުރުން ރާ ވަންދޫ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ވެމްކޯގެ ހުރިހާ މުވައްޒަފުންނަށް ދެވޭނެ ކަމަށެވެ.

ވެމްކޯގެ ސައިޓްތަކާއި އަފީސް އިމާރާތް އަދި ވެހިކަލްތައް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ ކޮންސަލްޓެންސީއާއި އާއި ތަމްރީނުތައް ފޯރުކޮށްދިނުމަށްވެސް މިއެއްބަސްވުމުގައި ހިމެނެއެވެ.

މީގެއިތުރުން ވެމްކޯއިން ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ސާވިސްގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި މުވައްޒަފުންގެ ވެލްފެއަރ އެކި ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށާއި އެ މުއައްސަސާއަށް ބޭނުންވާ ތަފާތު އާލާތްތައް ހޯދުމަށްވެސް އެއްބަސްވެފައެވެ.

މީގެއިތުރަށް ފަޔަރ އެންޑް ރެސްކިޔުއިން ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަޔަރ ސްޓޭޝަންތަކަށް ދިމާވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށްވެސް ވެމްކޯއިން ވަނީ އެއްބަސްވެފައެވެ.