ޒިމްބާބުވެގޭ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ހަށިކޮޅު އަނބުރާ ގައުމަށް ގެނައުމަށްޓަކައި، ޒިމްބާބުވޭ ސަރުކާރުގެ މަތިންދާ ބޯޓެއް ސިންގަޕޫރަށް ފުރައިފިއެވެ.

ސިންގަޕޫރަށް ފުރި މަތިންދާ ބޯޓްގައި، ޒިމްބާބުވޭ ސަރުކާރުގެ އޮފިޝަލުންނާއި، މުގާބޭގެ އާއިލާގެ ގިނަ މެމްބަރުންވެސް ވަޑައިގެންނެވި ކަމަށް ޚަބަރު ލިބެއެވެ.

ރޮބަޓް މުގާބޭގެ އާއިލާގެ ތަރުޖަމާނު އަދި މުގާބޭއަށް ބޮޑުބޭބެ ވިދާޅުވާ ލިއޯ މުގާބޭ ވިދާޅުވީ، ސަރުކާރުން ފޮނުވި މަތިންދާ ބޯޓް، ސިންގަޕޫރަށް ފުރާފައިވަނީ، ޒިމްބާބުވޭ ގަޑިން މިއަދު ހެނދުނު 9:00 ގައި ކަމަށެވެ.

އަދި މުގާބޭގެ ހަށިކޮޅު ޒިމްބާބުވޭއަށް ގެނެވޭނީ މިހަފްތާގެ ބުދަދުވަހު ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މުގާބޭގެ ހަށިކޮޅު ޒިމްބާބުވޭއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، މުގާބޭ ފަސްދާނުލެވޭނީ ކޮންތާކުކަމެއް އަދިވެސް ސާފު ނުވާކަމަށް އޭނާގެ އާއިލާއާ ހަވާލާދީ އެގައުމުގެ މީޑިއާއިން ބުނެއެވެ.

މުގާބޭގެ ހަށިކޮޅު، ވެރިރަށް ހަރާރޭގައި ހުންނަ ނޭޝަނަލް ހީރޯސް އޭކްރޭ ގަބުތުސްތާނުގައި ފަސްދާނުލުމަށް ޒިމްމާބުބޭ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު، އާއިލާއިން ބޭނުންވަނީ މުގާބޭ އުފަންވެވަޑައިގެންނެވި އަވަށުގައި ފަސްދާނުލުމަށެވެ.

މުގާބޭގެ ޖަނާޒާގެ ކަންތައްތައް އަންނަ ހޮނިހިރު ދުވަހު ހަރާރޭގައި ހުންނަ ނޭޝަނަލް ސްޕޯޓްސް ސްޓޭޑިއަމްގައި ބާއްވަން ހަމަޖައްސައި ޒިމްބާބުވޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކަށް ސަރުކާރުން މެމޯއެއް މެދުވެރިކޮށް އެކަން އަންގާފައިވާ ކަމަށް ވެއެވެ. އެހެން ނަމަވެސް، މުގާބޭ ފަސްދާނުލާ ތަނެއްގެ ވާހަކަ މެމޯގައި ހާމަކޮށްފައި ނުވާކަމަށް ވެއެވެ.

ޒިމްބާބުވޭއަށް މިނިވަންކަން ލިބުނީއްސުރެ ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރެއްވި، ރޮބަޓް މުގާބޭ، އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެފައިވަނީ މިދިޔަ ހުކުރު ދުވަހު ސިންގަޕޫރުގައެވެ.

މުގާބޭ ޒަމާނުއްސުރެ ބޭސްފަރުވާގެ ޚިދުމަތް ހޯއްދަވަނީ ސިންގަޕޫރުންނެވެ.

ޒިމްބާބުވޭގެ ސިފައިން މުގާބޭ ވެރިކަމުން ދުރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގެނައި ލޭ އޮހޮރުވުމެއް ނެތް އިންގިލާބެއްގައެވެ.

ޒިމްބާބުވޭގައި ބަތަލުން ފަސްދާނުލާ ގަބުރުސްތާނުގައި ހަށިކޮޅު ފަސްދާނުލުމަށް މުގާބޭ ބޭނުންފުޅު ނުވާކަމަށް، ޒިމްބާބުވޭ އިންޑިޕެންޑެންޓް ނޫހުން މިދިޔަމަހު ރިޕޯޓްކުރުމާ ގުޅިގެން އެގައުމުގައި އެކަމާގުޅޭ ވަރުގަދަ ބަހުސެއް ފެށިގެންދިޔައެވެ.

ބަތަލުންގެ ގަބުރުސްތާނުގައި ފަސްދާނުލުމަށް މުގާބޭ އިންކާރުކުރެއްވީ، އޭނާ ވެރިކަމުން ދުރުކުރި ގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށްވެސް ނޫހުން ބުނެފައި ވެއެވެ.

ނޭޝަނަލް ހީރޯސް އޭކްރޭގެ ބަދަލުގައި މުގާބޭގެ ހަށިކޮޅު، އޭނާ އުފަންވެވަޑައި ގެންނެވި ކުޓަމާ އަވަށުގައި ފަސްދާނުލައިފި ނަމަ އެކަން ވެގެންދާނީ މިހާރުގެ ރައީސް އިމަސަން އެމްނަންގަގްވާގެ އިތުރުން، މުގާބޭ ވުޖޫދުކުރެއްވި އަދި މިހާރުވެސް ވެރިކަމުގައިއޮތް ޒާނޫ-ޕީއެފް ޕާޓިއަށް ކުރިމަތިވާނެ ވަރަށްބޮޑު ލަދުވެރި ކަމަކަށް ކަމަށް މީޑިއާއިން ބުނެއެވެ.

މުގާބޭ ބެލެވިފައިވަނީ، ބައިމަދު ދޮން މީހުންގެ ވެރިކަމުގެ ދަށުން ޒިމްބާބުވޭގެ ރައްޔިތުން ސަލާމަތްކޮށް ގައުމު މިނިވަން ކުރެއްވި ލީޑަރުގެ ގޮތުގައެވެ.