އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރުގައި ހިނގަމުންދާ ކަންތައްތާމެދު އދއިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި ތަގްރީރު ކުރައްވަމުން އެ ކޮމިޝަންގެ ވެރިޔާ މިޝޭލް ބަޗެލޭ ވިދާޅުވީ، އިންޑިއާ ސަރުކާރުން ޖައްމޫ އެންޑް ކަޝްމީރުގައި އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ކަޝްމީރު ރައްޔިތުންގެ އިންސާނީ ހައްގުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށެވެ.

މިޝޭލް ބަޗެލޭ ވިދާޅުވީ، ކަޝްމީރު ބައިކޮށްފައިވާ އިމުގެ ދެފަރާތުގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ ރިޕޯޓްތައް، އެކަމަނާގެ އޮފީހަށް ކޮންމެ ދުވަހަކުވެސް ލިބެމުންދާ ކަމަށެވެ.

"ކަޝްމީރުގެ ރައްޔިތުންނާމެދު އިންޑިއާ ސަރުކާރުން މިފަހުން އަޅާފައިވާ ފިޔަވަޅުތަކާމެދު އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އިންޓަރނެޓްގެ ޚިދުމަތް ކަނޑާލުމާއި، ސުލްހަވެރި ކަމާއެކު އެއްވެ އުޅުން މަނާކުރުމާއި، ކަޝްމީރު ފަޅީގެ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ މައްސަލަވެސް އޭގެ ތެރޭގައި ހިމެނޭ. އިންސާނީ ހައްގުތަކަށް އިންތިރާމްކޮށް، އެ ހައްގުތައް ކަށަވަރުކޮށް ހިމާޔަތްކުރުމަށް އިންޑިއާ އަށާއި ޕާކިސްތާނަށްވެސް އަޅުގަނޑު ގޮވާލަން. ހަމަ އެއާއެކު ކަޝްމީރުގެ ބަންދު ދޫކޮށް ކާފިއު އުވާލުމަށްވެސް އިންޑިއާއަށް ގޮވާލަން. އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީ، ހައްޔަރު ކޮށްފައިވާ އެންމެނާ މެދުވެސް އިންސާފުން ކަންތައް ކުރުމަށް ގޮވާލަން" އދގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ވިދާޅުވިއެވެ.

މިޝޭލް ބަޗެލޭ ވިދާޅުވީ، ކަޝްމީރު ރައްޔިތުންގެ މުސްތަގްބަލަށް އަސަރުކުރާނެ ކޮންމެ ނިންމުމެއް ނިންމާއިރު، އެކަމަކާ މެދު ކަޝްމީރު ރައްޔިތުންގެ ބަސް ހޯދައި އެކަމުގައި އެމީހުން ބައިވެރި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 42 ވަނަ ޖަލްސާގައި ބައިވެރިވެވަޑައި ގަތުމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝަހް މަހްމޫދު ގުރެއިޝީވެސް މިހާރުވަނީ ޖެނީވާއަށް ވަޑައިގެންފައެވެ.

އަދި ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ތަގްރީރު ކުރައްވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.

ގުރެއިޝީ މިދިޔަމަހު ވަނީ އދގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާއަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި، ޖައްމޫ އެންޑް ކަޝްމީރުގައި އިންޑިއާއިން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފް އަމަލުތައް ހުއްޓާލުމަށް ގޮވާލެއްވުމަށް އެދިވަޑައި ގެންފައި ވެއެވެ.