ގާނޫނަށް ގެނެވުނު އިސްލާހާއެކު ގެންނަ ބަދަލުތަކަށް އަހުލުވެރިކޮށް އިދާރީ ކަންކަން ހަރުދަނާކުރުމަށް ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

ޑީޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަށް ހުށައެޅި ބިލު ފާސްކޮށް ތަސްދީގުކުރުމާއެކު ކޯޓުތަކުގެ އިދާރީ މަސައްކަތްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ގެނެވުނު އިސްލާހުތަކާއެކު ކޯޓުތަކުގެ އިދާރީ ކަންކަމާ ބޮޑަށް ހަވާލުވާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން އެ ކޯޓެއްގައި ހުންނަވާ ޗީފް އެޑްމިނިސްޓްރޭޓަރާ ކަމަށެވެ.

އެގޮތުން ޑީޖޭއޭ އާއި މާލެ އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓަރުންނާއި އަންގާރަ ދުވަހުގެރޭ 08:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށް ބައްދަލުވުމުގައި ފައިސަލް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އިދާރީ ކަންކަން ކުރިއަށްދާނެ ގޮތް ވިލަރެސްކޮށް ކޯޓުތަކުގައި އިދާރީ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި އަދި ކޯޓު އޮޓޮމޭޝަންގެ ދަށުން އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ. ޖޭއެސްސީގެ ގާނޫނުގެ ބައެއް މާއްދާތަކަށް އިތުރު ބަދަލުަތައް ގެނައުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ޖޭއެސްސީގެ މެމްބަރަކަށް ވެވޭ އުމުރު 30 އަހަރަށް ދަށްކުރުމާއި، ޖޭއެސްސީގެ މެންބަރުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށްވެސް ގާނޫނަށް ގެނައި އިސްލާހުތަކާއެކު ވަނީ ނިންމާފަ އެވެ.