ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް ރާއްޖެ ކުޅޭނީ އެއީ ވަރުގަދަ ޓީމެއްކަން ދަނެގެން ކަމަށާއި ނަމަވެސް ކުޅުންތެރިން ތިބީ މޮޅުވުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

ގަލޮޅު ދަނޑުގައި ޗައިނާއާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ ރާއްޖޭގައި އޮތް ޒުވާން ޓީމާއެކު ކޮންމެފަދަ ނަތީޖާއެއްވެސް ނިކުމެދާނެ ކަމަށެވެ. އެގޮތުން ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި ޗައިނާ ކިތަންމެ ވަރުގަދަ ނަމަވެސް ކޮންމެފަދަ ނަތީޖާއެއްވެސް މި މެޗުގައި ނިކުމެދާނެ ކަމަށެވެ.

ޗައިނާއާއި ރާއްޖެ ވަނީ މީގެކުރިންވެސް ގަލޮޅު ދަނޑުގައި ކުޅެފައެވެ. އެގޮތުން 2001 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗައިނާއަށް ކާމިޔާބުކުރެވުނީ 1-0 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު 2015 ގެ ކޮލިފިކޭޝަންގައިވެސް ރާއްޖެއާއި ޗައިނާ އެއް ގްރޫޕެއްގައި ލައްވާލިއެވެ. ނަމަވެސް ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމާއި ގުޅިގެން ރާއްޖޭގެ ހޯމް މެޗުވެސް ކުޅެން ޖެހުނީ ޗައިނާގައެވެ. އަވޭ މެޗު 4-0 އިން ޗައިނާ ކާމިޔާބުކުރި އިރު ޗައިނާގައި ކުޅުނު ރާއްޖޭގެ ހޯމް މެޗު ޗައިނާ ކާމިޔާބުކުރީ 3-0 އިންނެވެ.

ޗައިނާގެ ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ވަނީ ރާއްޖޭގައި މިހާތަނަށް ކޯޗުކަން ކޮށްދޭން އައި އެންމެ މޮޅު ކޯޗު ކަމަށްވާ ޗައިނާގެ ކޯޗު އިޓަލީގެ މާސެލޯ ލިއްޕީއަށް ތައުރީފުކޮށްފައެވެ. އަދި އެއީ ދުނިޔޭގައި މިވަގުތު ހުރި މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށާއި ޗައިނާއަކީ ވަރުގަދަ ޓީމެއްކަން ގަބޫލުކުރާ ކަމަށެވެ.