އެއީ މީގެ 11 އަހަރު ކުރި އެވެ. ސިޔާސީ ބައިބައިވުންތަކުން ގައުމު ވަރަށް ބޮޑަށް ބައިބައިވެފައި އޮތް ދަނޑިވަޅެކެވެ. އެދުވަހު ހާލަތު ނިޔާކުރީ ގައުމު އެދުނު ގޮތަށެވެ. ރަތްކުލައިން ގައުމު ޖަރީކުރި ސާފު ޗެމްޕިއަންޝިޕުން ގައުމު އެއްވާނެއްގައި އެކަތިގަނޑަކަށް އެދުވަހު ވިއެވެ. ގައުމުން ބޭރުގައި ކުޅުނު މެޗުގެ ކާމިޔާބީ، ދިވެހި ފަސްގަނޑުގައި ދިވެހިން ފާހަގަކުރީ ވެހުނު ބޯ ވާރޭ ތެރޭގައެވެ. ކުދިބޮޑު އެންމެން، އެ އުފަލުގައި ބައިވެރިވެ، އެދުވަހު ގައުމު ހެއްވާލިއެވެ.

އެ ދުވަސް އަނެއްކާވެސް އިޔާދަވާންވީ ވަގުތު ކައިރިވެއްޖެ އެވެ. ކާމިޔާބީގެ "ހަސްމުން" އެއްވާންވީ ވަގުތު ޖެހިއްޖެ އެވެ. ތޯތޯ ހޮޅި ވާހަކަތައް ދެއްކުމާއި ދެކޮޅުވެރިކަމުން ދުރުވެ، ގައުމީ ޓީމަށް "އާނބަސް ބުނެ" ސަޕޯޓުދޭންވީ ވަގުތު ޖެހިއްޖެ އެވެ.

މާދަމާ ރޭ 8:00 އަށް އެކަމަށް ތައްޔާރުވާށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ދުނިޔޭގެ އެއްވަނައަށް އެންމެ ބޮޑު އާބާދީ އޮތް 1.4 ބިލިއަނަށް ވުރެ މީހުންގެ އާބާދީއެއް އޮތް ޗައިނާ ދެކޮޅަށް "އަމިއްލަ އުފަން މަަގޭ ބިމުގައި" ކުޅޭ މެޗަށެވެ.

މީގެ 11 އަހަރު ކުރިން ސާފު ޗެމްޕިއަންޝީޕްގައި ސަރަހައްދީ ގައުމުތަކަށް ސިއްސުވާލާފައިވާ ޓީމަކަށް ރާއްޖެ ވެފައިވާއިރު އެފުރުސަތު މިފަހަރުވެސް އެބައޮތެވެ. އެއުންމީދުވެސް އެބަ އޮތެވެ. އެއީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާވެސް ޓީމާއެކު މިފަހަރު ވުމުންނެވެ.