ޓެކްސީ ޑްރައިވަރުން ކުރާ މަސައްކަތް އާއްމުންނާއި ނޫސްވެރިންނަށް ތަޖުރިބާ ކޮށްލަން ފުރުސަތު ދިނުމުގެ ގޮތުން ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ހާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖައްސައިފި އެވެ.

ވީނިއުސްރޫމުގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުﷲ ވިދާޅުވީ ޓެކްސީ ޑްރައިވަރާއެކު އަށް ގަޑިއިރު މިނަމުގައި ކުރިއަށް ގެންދާ ހަރަކާތް ފެށޭނީ މިހަފްތާގެ ބުރާސްފަތި ދުވަހުގެރޭ 7 ޖަހާއިރު ސޯސަން މަގު ކުރިމަތިން ކަމަށެވެ. އެގޮތުން ޑްރައިވަރު ކުރިއަށް އޮތް 8 ގަޑިއިރު ކުރާ ހުރިހާ މަަސައްކަތެއް ނުަވަތަ ދަތުރެއްގެ ތަޖުރިބާ ބައިވެރިވާ ކޮންމެ ބޭފުޅަކަށް ލިބިގެންދާނެ ކަމަށް ޖަމިއްޔާގެ ރައީސް ވިދާޅުވި އެވެ.

މިހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޓެކްސީ ޑްރައިވަރުންނާ ލިބޭ ހަަމަ އަގާ ބެހޭގޮތުން މިހާތަނަށް ދިރާސާއެއް ހެދިފަިއ ނެތުމާއެކު އެފަދަ ދިރާސާއެއްވެސް ހެދުން ކަމަށް ޕްރޮގްރާމްގައި ބައިވެރިވި ޑްރައިވަރުންގެ ޖަމިއްޔާގެ ތަރުޖަމާނު އަހުމަދު ޝަމާލު ވިދާޅުވި އެވެ. އެގޮތުން 8 ގަޑިއިރުގެ ތެރޭގައި ޑްރައިވަރަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް އާއްމުންނަށް ހާމަކޮށްދިނުން ކަމަށް ޝަމާލް ވިދާޅުވި އެވެ. ހަރަކާތުގެ ތެރެއިން އެމަސައްކަތަކީ އެހާ ފަސޭހަ އަދި ލުއި މަަސައްކަތެއް ނޫންކަން އެނގިގެންދާނެ ކަމަށް ޝަމާލް ވިދާޅުވި އެވެ.

ޝަމާލް އިތުރަށް ވިދާޅުވީ ޓެކްސީ ޑްރައިވަރެއްގެ އާމްދަނީއާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވޭ ކަމަށެވެ. އެގޮތުން ސަރުކާރު މަތީ މަގާމެއްގަ ހުންނަ މީހެއްގެ މުސާރައާ ޑްރައިވަރެއްގެ މުސާރައާ އެއްހަމަ ކަމަށް ގަބޫލުކުރާ ބަޔަކުވެސް އުޅޭ ކަމަށް ޝަމާލް ވިދާޅުވި އެވެ. އެކަމަކު މިހަރަކާތުގައި ބައިވެރިވެ ހަމައެކަނި ސީޓުގައި އަށް ގަޑިއިރު އެކަނި އިންނަ އިނުމުންވެސް މިއީ ކިހާ ބުރަ ކަމެއްކަން އެނގިގެންދާނެ ކަމަށް ޝަމާލް ވިދާޅުވި އެވެ.

އަދި ޓެކްސީ ޑްރައިވަރަކު ހޯދާ އާމްދަނީއަކީ ހަމައެކަނި އެންމެ އަށް ގަޑިއިރު މަސައްކަތްކޮށްގެން ހޯދާ އާމްދަނީ ނޫްންކަމަށާއި އެއީ ގާތްގަނޑަކަށް 16 ނުވަތަ 18 ގަޑިއިރު މަސައްކަތް ކޮށްގެން ލިބޭ އެއްޗެއްކަމަށްވެސް ޝަމާލް ވަނީ ވިދާޅުވެފަ އެވެ.