ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މިމަގާމަށް އައްޔަންކުރައްވާފައިވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޑރ. މަރިޔަމް ޖަބީން އެވެ.

ޑރ. މަރިޔަމް ޖަބީން ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަން ކުރައްވާފަ އެވެ. އޭނާ ވަނީ ބަންޑާރަނައިބް އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މީގެ އިތުރުން ޑރ. ޖަބީން ވަނީ ގައުމީ ޔުނިވަސިޓީ، މޯލްޑިވްސް ކޮލެޖް އޮފަ ހަޔާ އެޑިއުކޭޝަންގެ ނަމުގައި ހިންގި ދުވަސްވަރު އެތަނުގައި އާއި ވިލާ ކޮލެޖުގައި ގާނޫނީ ދާއިރާގެ ކޯސްތަކުގައި ކިޔަވާ ދެއްވާފަ އެެވެ.

ޑރ. ޖަބީން ޕީއެޗްޑީ ހާސިލްކުރައްވާފައިވަނީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ދާއިރާ އިންނެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ނުވަވަނަ މާއްދާގައިވާ ގޮތުން ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އައްޔަންކުރާނީ އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީންނެވެ.

ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ބާ ކައުންސިލުގެ އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، މަސައްކަތާ ގުޅޭ ގޮތުން ދުވަހުން ދުވހަަށް ހިންގަންޖެހޭ ކަންކަން ހިންގުމާއި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، އެ ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމެވެ.