ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ ސްކޮޑުގައި އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތުދިނީ ކުރެވުނު ކަންކަމަށް މައާފަށް އެދުމުން ކަމަށް ގައުމީ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ ގުއާމް މެޗު ނިމުނުތަނާހެން ދަނގަޑޭ ވަނީ ކޯޗަށް ގުޅުމަށްފަހު މައާފަށް އެދިފައިކަމަށެވެ. އަދި ދަގަނޑޭގެ އެ ފޯނު ކޯލުގެ އިންތިޒާރުގައި ހުންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާކަމަށާއި ދަނގަޑޭ މާފަށް އެދުމުން ކުރިން އުފެދިފައިވާ ހުރިހާ މައްސަލަތަކެއް ހައްލުވެފައިވާ ކަމަށެވެ.

ކޯޗު ބުނީ ދަގަނޑޭއަށް ވިސްނުނު ކަމަށްޓަކައި އުފާކުރާ ކަމަށާއި މާޒީގައި އޭނާ އަށް ހެދުނު ގޯހަށް މައާފަށް އެދުނު ކަމަށެވެ. އަދި ކޮންމެ އިންސާނަކަށްވެސް ގޯސް ހެދޭނެ ކަމަށާއި ދަގަނޑޭ ޓީމުގައި ހިމަނަން އޭނާ ބޭނުންވާ ކަމަށެވެ. އަދި ދަގަނޑޭއަކީ ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށާއި އެކަމާ މެދު އެއްވެސް ބަހުސެއް ނެތްކަމަށްވެސް ގައުމީ ކޯޗު ބުންޏެވެ.

ހުރިހާ ކަމެއް ހައްލުވެ އޭނާ އެނބުރި އައުމުން އުފާވާ ކަމަށާއި ސަބަބަކީ އެއާ އެކު އިތުރު އޮޕްޝަންތަކެއް ލިބުން ކަމަށް ގައުމީ ކޯޗު ބުންޏެވެ. އެކަމަކު އޭނާ ފުރަތަމަ އެގާރައިގައި ކުޅޭނެތޯ ނުވަތަ ކުޅެވޭނެތޯ އެއީ އަދި އެހެން ކަމެއް ކަމަށް ސެގާޓް ބުންޏެވެ. އޭނާ ބުނީ ދަގަނޑޭ އަކީ ޓީމުގެ އެންމެ ދޮށީ ކުޅުންތެރިޔާ ކަމަށްވެފައި، ދެން ތިބި ހުރިހާ ކުޅުންތެރިންނަށް ވުރެ އޭނާގެ ތަޖުރިބާ ބޮޑަސް އަދި އޭނާ އަކީ މިދިޔަ 10 އަހަރު ރާއްޖޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް ވިޔަސް މިހާރު ހާލަތު ތަފާތު ކަމަށެވެ.

ގައުމީ ކޯޗު ޕީޓާ ސެގާޓް ގައުމީ ޓީމުން ދަނގަޑޭ ބާކީކުރީ މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުންނެވެ. އޭގެ ފަހުން ގައުމީ ޓީމު ކުޅުނު ނުވަ މެޗުގައި ދަނގަޑޭ ފެނިފައިނުވާއިރު އޭނާ އަށް ފުރުސަތު ނުދޭ މައްސަލައިގައި ކޯޗު ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކަތަކެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:00ގަ އެވެ.